ދިވެހީންގެ "ސޯލިހް"، އެވެރިން ލިޔަނީ "ޞުލީޙް"!

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅަކީ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. އެހެންނަމަވެސް އާންމުކޮށް މި ނަންފުޅު ދިވެހީން ލިޔެ އުޅެނީ އިބްރާހީމް މުހައްމަދު ސޯލިހު މި ގޮތަށެވެ. މި ނަންފުޅު ކިޔުމުގައްޔާއި ލިޔުމުގައި ސޯލިހު މި ގޮތަށް އަންނަނީ، "ޞާދު" އާބާފިލި ކިޔުމުގައި ފަސޭހަކޮށްލުމުގެ ގޮތުން "ސީނު" އޯބޯފިއްޔަކަށް ކިޔުމަކީ ދިވެހީންގެ ތެރޭގައި މިހާރު އާންމު ކަމަކަށް ވާތީއެވެ. ދިވެހި ބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤު އަކީ ހަގީގަތުގައި "ޞާދުބެ" ނަމަވެސް އެއީ ދިވެހީންގެ "ސޯދުބެ" ނޫންތޯއެވެ! އެހެންކަމުން "ޞާ" "ސޯ"އަށް ބަދަލު ވުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު މިފަހަރު މި އުޅެނީ އެއަށް ވުރެ ވެސް ބޮޑު ތަފާތެއް ރައީސްގެ ނަންފުޅު ލިޔުމުގައި އައިސްފައި ވާތީ ފެނިގެންނެވެ. އަރަބި އަކުރުން ލިޔާއިރުއެވެ. އަރަބި ގައުމުތަކުގެ ހުރިހާ ނޫހެއްގައި ކަހަލަ ގޮތަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ލިޔެފައި ހުންނަނީ إبراهيم محمد صليح (އިބްރާހީމް މުޙައްމަދު ޞުލީޙް) މި ގޮތަށެވެ. ފިލި ނުޖަހައި ލިޔެފައި ހުންނާތީ ބައެއް މީހުން "ޞުލައިޙް" ވެސް ކިޔައިފާނެއެވެ. ތާނައިން އެމަނިކުފާނުގެ ނަންފުޅު ރަސްމީކޮސް ލިޔަނީ "އިބްރާހީމް މުޙައްމަދު ޞާލިޙް" މި ގޮތަށެވެ. ތާނައިން ލިޔާ، މި ގޮތަށް ބަލައިގެން އަރަބި އަކުރުން ލިޔުމުން އޮންނާނީ إبراهيم محمد صالح މި ގޮތަށެވެ. މިއީ އެ ނަންފުޅު އަރަބި އަކުރުން ލިޔަން ޖެހޭ ގޮތެވެ. އެހެންވީއިރު އަރަބި ނޫސްތަކުގައި إبراهيم محمد صليح މި ގޮތަށް ލިޔަނީ ކީއްވެ ހެއްޔެވެ؟ ގަބޫލު ކުރެވޭ ގޮތުގައި މީގެ ސަބަބަކީ އެމަނިކުފާނުގެ ނަންފުޅު އިނގިރޭސި އަކުރުން ލިޔާ ގޮތެވެ. މިހެން ދަންނަވަން ޖެހުނީ އަރަބި ގައުމުތަކުގެ ނޫސްތަކުގައި ލިޔާ ލިޔުންތެރީންނަށް މަސްދަރެއްގެ ގޮތުގައި ފެންނާން ހުންނާނީ އިނގިރޭސި ބަހުން ހުންނަ ލިޔުންތަކުގައި ރައީސްގެ ނަންފުޅު އިނގިރޭސި އަކުރުން ލިޔެފައި އޮންނަ ގޮތެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަނީ އަރަބި ނަންތައް އިނގިރޭސި އަކުރުން ލިޔުމުގެ އާންމު އުސޫލާ ހިލާފަށެވެ. އަދި ދިވެހިރާއްޖޭގައި އަރަބިތާނަ ލެޓިން އަކުރުން ލިޔުމަށް އެކަށައަޅައިފައި އޮންނަ އުސޫލާ ވެސް ހިލާފަށެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަމުންދާ ގޮތަށް "Solih" ލިޔެފައި އޮއްވައި، ދިވެހި ލެޓިންގެ އުސޫލަށް ރިއާޔަތްކޮށްގެން ކިޔައިފި ނަމަ ކިޔޭނީ "ސޮލިހް" އެވެ. އަރަބި ނަންތައް އިނގިރޭސި އަކުރުން ލިޔުމުގައި އެކި ގައުމުތަކުގައި ތަފާތު އެކި ގޮތްތައް ބޭނުން ކުރެވުނު ނަމަވެސް، ވަރަށް ކުރީއްސުރެ އާންމުވެފައިވާ އުސޫލެއް އޮވެއެވެ. އެ އުސޫލުގައި އިނގިރޭސި "އޭ" އަކުރަކީ އަރަބީގެ އަބަފިއްޔާއި ދެމޭ އަލިފެވެ. "އީ" އަކުރަކީ އަރަބީގެ އިބިފިއްޔެވެ. "އައި" އަކުރަކީ އަރަބީގެ ދެމޭ ޔާއެވެ. "އޯ" އަކުރަކީ އަރަބީގެ އުބުފިއްޔެވެ. "ޔޫ" އަކުރަކީ އަރަބީގެ ދެމޭ ވާވެވެ. "މުޙައްމަދު" ލިޔާ އިރު އުބުފިއްޔެއްގެ ގޮތުގައި "އޯ" އަކުރު ބޭނުން ކޮށްފައި "މޫސާ" ލިޔާ އިރު އޫބޫފިލީގެ ގޮތުގައި ނުވަތަ ދެމޭ ވާވުގެ ގޮތުގައި، އެންމެ "ޔޫ" އަކުރެއް ބޭނުން ކޮށްފައި ހުއްޓައި ފެންނަނީ މިހެންވެއެވެ. އިނގިރޭސި އަކުރުން އެމަނިކުފާނުގެ ނަންފުޅު ލިޔަމުންދާ ގޮތަށް "Solih" ލިޔެފައި އޮއްވައި، އަރަބި ނަންތައް ލެޓިން ކުރުމުގެ މި އުސޫލަށް ރިއާޔަތްކޮށްގެން ކިޔާއިރު "އޯ" އަކުރު ބަލާނީ "އުބުފިއްޔެއް" ކަމުގައެވެ. "އައި" އަކުރު ބަލާނީ "ދެމޭ ޔާ" ނުވަތަ "އީބީފިއްޔެއްގެ ގޮތުގައެވެ. ވީމާ ކިޔެނީ "ސުލީހް" ނޫންތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ