ޕްރިމިއާ ލީގުގައި ލިވަޕޫލް ރޭ ކުޅުނު މެޗު ސަޕޯޓަރުންނާއެކު ރައީސް މައުމޫން ބައްލަވާލައްވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ބައްދަލުކުރި މެޗު ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންނާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ބައްލަވާލައިފި އެވެ.
އިންގްލެންޑުގެ މަޝްހޫރު ކުލަބު ލިވަޕޫލްގެ ސަޕޯޓަރުންނާއެކު މެޗެއް ބަލާލުމަށް ޓީމުގެ ސަޕޯޓަރުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ދައުވަތު ދެއްވާފައިވަނީ ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓަރުންގެ ވައިބާ ގްރޫޕްގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
ރައީސް މައުމޫންއާއި އެކު ރޭގެ މެޗްބަލާލުމަށް ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުންވަނީ އެ ދައުވަތު ގަބޫލުކޮށް އެމަނިކުފާނާއެކު ރޭ ސޯލްޓް ކެފޭގައި މެޗު ބަލާފައެވެ.
ލިވަރޕޫލްއަށް ވަރަށް ބޮޑަށް ސަޕޯޓްކުރައްވާ ރައީސް މައުމޫނަކީ ލިވަޕޫލްގެ ދުވަސްވީ ސަޕޯޓަރެކެވެ. ރޭ ޔުނައިޓެޑް އަތުން ލިވަޕޫލްވަނީ 3-1 މޮޅުވެފައެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ބޯޅަ ގެންގުޅެ ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފައްދާ ގޯލަށް އަމާޒުކޮށް ގިނަ ބޯޅަތަކެއް ފޮނުވާލައިފައިވާއިރު، މެޗުގެ 24 ވަނަ މިނެޓުގައި ލީޑް ނެގީވެސް އެ ޓީމުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޖެސޭ ލިންގާޑް އެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިންގާޑް ކާމިޔާބުކުރި ގޯލެކެވެ.
މެޗްގެ 73 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ހުނަރުވެރި ވިންގާ ޝަކީރީ ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މި ހާފުގައި ކުޅެން ނިކުތް ޝަކީރީ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ އޭޝްލީ ޔަންގް ގެ ގައިގަ ޖެހިފައެވެ.
އޭގެ ހަތް މިނެޓުފަހުން، ޝަކީރީ ވަނީ އިތުރު ލަނޑެއްޖަހައި މި މެޗުން ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. ޕެނަލްޓީއޭރިޔާ ބޭރުން ޝަކީރީ ފޮނުވާލި ބޯޅަ ގޮސް ގޯލްގެތެރެއަށް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބާއީގެ ގައިގަ ޖެހިފައެވެ.
މިނަތީޖާއާއެކު ލިވަޕޫލަށް އެއްވަނަ ލިބުނީ 17 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގައި ލިވަޕޫލް ދެން ކުޅޭ މެޗުގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ނިކުންނާނީ ވުލްވަހެމްޕްޓަން ވޮންޑަރާސް އާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ