އިބްރާހިމް މުޙައްމަދު ޞާލިޚް ރައީސްކަމުގެ ހުވާކުރައްވާނީ 17 ވަނަ ދުވަހުގެ ހަވީރު

އިންތިޚާބީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު ގަލޮޅުދަނޑުގައިކަމަށް ނިންމައިފިއެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކާއި ގުޅޭގޮތުން އިންތިޚާބީ ރައީސް އުފައްދަވާފައިވާ އިނޮގްރޭޝަން ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއަރޕަރސަން ޙަސަން ލަޠީފް ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި ފެށޭނީ 17 ވަނަ ދުވަހުގެ ހަވީރު 5 ޖަހާއިރުކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ބޭރުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި، މަތީ ފެންވަރުގެ ބޭބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ، ރަސްމިއްޔާތު އިންތިޒާމުކުރަމުންދަނީ އެ ފަރާތްތަކުގެ ސަލާމަތީކަންކަން އެންމެ ހަރުދަނާގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކަށް ބަލައިގެންކަމަށް އިނޮގްރޭޝަން ކޮމިޓީން ބުނެއެވެ. އެގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި ދަޢުވަތު އެރުވިގެން ވަޑައިގަންނަވާ ބޭފުޅުންކަމަށް އޭނާ ވިދާޅުވިއެވެ.
ޙަސަން ލަޠީފް ވިދާޅުވީ ގަލޮޅު ދަނޑުގެ ޖާގައަކީ އެގާރަ ހާސް ފައްސަތޭކަ މީހުންކަމަށާއި، އެޢަދަދަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުންނަށް ދައުވަތު ދެއްވުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެެވެ. އަދި އިންތިޚާބީ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ. އަދި ހަވީރު ރަސްމިއްޔާތު ބާއްވަން ނިންމީ ދަނޑުގައި އެ ރަސްމިއްޔާތު ބޭއްވޭނެ އެންމެ ފަސޭހަ ގަޑިއަކީ ހަވީރުގެ ވަގުތަށްވުމުންކަމަށްވެސް ޙަސަން ލަޠީފު ވިދާޅުވިއެވެ.
"މިރައްމިއްޔާތު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ރައިސަކު ހުވާކުރެއވުމަށް ބޭއްވޭ އެންމެ ބޮޑު ރަސްމިއްޔާތަށް. ރަސްމިއްޔާތު މިއޮތީ 17 ނޮވެންބަރުގައި. ރަސްމިއްޔާތު ފެށޭ ގަޑިއަކީ ހަވީރު 17:00. އެއީ ރަސްމިއްޔާތު ފެށޭގަޑި. އެހެން ނަމަވެސް ހަވީރު 03:00 ފެށިގެން ރަސްމިއްޔާތަށް ދައުވަތުއެރުވޭ ފަރާތްތަކަށް ގަލޮޅު ދަނޑަށް ވެދެވަޑައިގެންވޭގޮތަށް އިންތިޒާމުތައްވާނީ ހަމަޖެހިފައި." ޙަސަން ލަޠީފު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުން އެޖަލްސާގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސަވަމުންގެންދާކަމަށާއި، އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީއާއި، ފޮރިން މިނިސްޓްރީއާއި، ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ އޮފީހާއި، އިންތިޚާބީ ރައީސްގެ އުފައްދަވާފައިވާ އިނޮގްރޭޝަން ކޮމެޓީގެ މެންބަރުން ހިމެނޭހެން ޖޮއިންޓް ކޮމެޓީއެއްގެ ބެލެމުގެ ދަށުން މަސައްކަތްތަކެއް ކުރަމުންދާކަމަށް އިނޮގްރޭޝަން ކޮމެޓީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
މި ރަސްމިއްޔާތު ބޭއްވުމަށް ސަލާމަތީގޮތުންވާންޖެހޭ ތައްޔާރީތައް ސިފައިންނާއި ފުލުހުންވެސް ކުރައްވަމުންގެންދަވާކަމަށާއި، ގަލޮޅު ރަސްމީދަނޑު ތައްޔާރުކުރަމުންދަނީ މޫސުން ގޯސްވިނަމަވެސް އެތަނުގައި ރަސްމިއްޔާތު ކުރިއަށްގެންދެވޭގޮތަށްކަމަށް ޙަސަން ލަޠީފު ވިދާޅުވިއެވެ.
"ގަލޮޅު ދަނޑުގެ ރޮސްޓްރޮމް އެހުރި ސަރަހައްދު، އެތަން އަލުގަނޑުމެން އެކްސްޓެންޑްކުރަނީ ދަނޑުގެ ފްޓްބޯޅަ ޕިޗްކަމަށް މިކަނޑައަޅާފައިވާ ސަރަހައްދާހަމައަށް. އެތަނުގެ މަތީގައި އެއީ ޕްލެޓް ފޯމެއްގޮތަށް އަލުގަނޑުމެން އަތަން ތައްޔާރުކޮށްފައި އެތަނަކީ ރައްޔިތުންގެ މަޖިލީހުގެ މިދެންނެވި ޖަލްސާ އޮންނާނެ ތަން. އެހެންވީމަ އެޖަލްސާ ބޭއްވޭތަން އޮންނާނީ ހިޔާކުރެވިފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ ހުވާކުރެއްވުމަށް ދައްޗެއް ނާންނާނެ އަދި މޫސުން ގޯސްވިޔަސް." ޙަސަން ލަޠީފު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށައި، ގަލޮޅު ދަނޑުގެ އިތުރުން މާލޭގެ އިތުރު ދެ ޞަރަޙައްދެއްގައި ސްކްރީން ބަހައްޓައިގެން ރަސްމިއްޔާތު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް އިނޮގްރޭޝަން ކޮމެޓީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ