ގެއްލިފައިވާ ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެއް އުފައްދަވައިފި

ގެއްލިފައިވާ ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް ސޯލިހު މި ކޮމިޝަން އުފައްދަވާފައިވަނީ އިއްޔެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.
މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.
މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:
1. އަޙްމަދު އަސްޢަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
2. ޢާޞް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
3. ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
4. ޢާއިޝަތު ޙަނާ ވަޙީދު، މ. ހާޑްރޮކް
5. ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320
"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދެވެ.
މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ