ރައީސް މައުމޫނު ބުއްދިފުޅު ހަމަނުޖެހޭކަމަށް ނިހާނު ސިފަކުރައްވައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަކީ ބުއްދިފުޅު ހަމަނުޖެހޭ ބޭފުޅެއްކަމަށް ސިފަކުރައްވާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވާހަކަ ދައްކަވައިފިއެވެ.
ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނަވާ ރައީސް މައުމޫނު ދިއިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވުމަށް އިޝާރާތް ކުރައްވާ ރުމާލު 2 ޖަގަހާގައި ރޭ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްއަށް އިރުޝާދު ދިނުމަށް ފަސް އަހަރު ދުވަހަށް ބެހެއްޓި ކޯޗް، ދަންވަރު ގަޑީގައި އިދިކޮޅު ފަރާތްތަކަށް ކޯޗްކޮށް ދިނުމަށް ދިއުމުން އެބޭފުޅާގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ ކަމުގައެވެ.
ރައީސް މައުމޫނުގެ ނަން ވިދާޅު ނުވެ ނިހާން ވިދާޅުވީ ކޯޗްގެ ދަރިންވެސް ޓީމްގެ ފޯވާޑަށް ކުޅެމުން ދަނިކޮށް ކޯޗް ވަޑައިގެން އިދިކޮޅު ޓީމަށް ދަސްކޮށްދެނީ "އަޅުގަނޑުމެއް" ދަތިއަޅުވާލާ ވައްޓާލާނެ ގޮތް ކަމުގައެވެ.
މީގެ އިތުރުންވެސް ނިހާންވަނީ ރައީސް މައުމޫނުގެ ވެރިކަމަށް ނިސްބަތް ކުރައްވާ ނުސީދާ ހަމަލާތަކެއް ރޭ ދެއްވާފައެވެ. އެގޮތުން ހުޅުމާލޭގެ ދެވަނ ފިޔަވަހި މިސަރުކާރުން ދޮޅު އަހަރު ތެރޭ ހިއްކިއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހި ރައީސް މައުމޫނުގެ ވެރިކަމުގައި ހިއްކުނީ ހަތް އަހަރުން ކަމަށް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ