ރޮހިންގާ މުސްލިމުންގެ ހައްގުގައި މާރަންދޫ ރައްޔިތުން އަޑުއުފުލައިފި

މިޔަންމާގައި އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ހައްގުގައި ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ރައްޔިތުން ހިނގާލުމެއް ބާއްވާ އަޑުއުފުލައިފިއެވެ.
މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ހަރާކާތަކީ މާރަންދޫ ރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މާރަންދޫ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި އެރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ރޮހިންގާ މުސްލިމުންގެ ހައްގުގައި އަޑުއުފުލާ، އެ ރައްޔިތުންނާއިއެކު މާރަންދޫގެ ރައްޔިތުން ތިބިކަން އަންގައިދިނުމުގެ ގޮތުން ޝުއޫރު ލިޔެފައިވާ ބޯޑްތައް ވަނީ ބޭނުންކޮށްފައެވެ.
މި ހިނގާލުން ނިންމާލުމުގެ ގޮތުން ބައިވެރިން ވަނީ މާރަންދޫ ބަދަރު ސަރަހައްދަށް ޖަމާވެ ރޮހިންގާ މުސްލިމުންނަށް ނަސްރު ދެއްވުން އެދި ޚާއްސަ ދުއާއެއް ކޮށްފައެވެ.
މި ދުއާގައި ރޮހިންގާ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރައްވާ، ދަތި ހާލުގައި މުސްލިމުންނަށް ފަސޭހަކަން ދެއްވާ ނަސްރު ދެއްވުން އެދި ވަނީ ދުއާކޮށްފައެވެ.
އަދި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން މާރަންދޫގައި ވަނީ ޚާއްސަ ފަންޑު ފޮއްޓެއްވެސް ބަހައްޓާފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ރޮހިންގާ މުސްލިމުންނަށް އެހީވުމުގެ ގޮތުން މި ފަންޑު ފޮއްޓަށް ފައިސާގެ އެހީ ހަދިޔާކޮށްފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާރަންދޫ ކައުންސިލްގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ހައްގުގައި މިއަދު އެރަށުގައި ކުރިއަށް ގެންދެވުނު ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށެވެ.
އަދި މިފަދަ މުހިންމު ހަރަކާތެއްގައި ގިނަ ރައްޔިތުން ބައިވެރިވެ ދައްކާފައިވާ ނަމޫނާއަށް ކައުންސިލްގެ ނަމުގައި ހަސަން ވަނީ ރަށުގެ ރައްޔިތުނަށް ޝުކުރު ދަންނަވާފައެވެ.
ހަސަން ވިދާޅުވީ މިޔަންމާގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ހުުޅުވުނު ފަންޑު ފޮށި ތިން ދުވަސް ވަންދެން ހުޅުވާފައި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.
ރޮހިންގާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއާއި ހައްދުފަހަނައަޅާފައިވާ ބުޑިސްޓުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް މުޅި ރާއްޖޭގަައި ދަނީ އަޑުއުފުލަމުންނެވެ.
އަދި ގިނަ ރަށްރަށުގައި ރޮހިންގާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ އާއި އަންނައުނު އެއްކުރުމުގެ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ