ރައީސް ޔާމީނާއި އެކު ރައްޔިތުން ތިބިކަން ޕީޕީއެމްއިން ދައްކާލަނީ

ވެރިކަން ކުރާ ޕީޕީއެމުން “ތަރައްގީއާ އެކީގައި ރައްޔިތުން” ނަމުގައި މާލެއާއި އަތޮޅު ތެރޭގައި ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.
މި ހަރަކާތްތައް މާލޭގެ އިތުރުން 25 ރަށެއްގައި ކުރިޔަށް ގެންދަން އެ ޕާޓީން ނިންމާފައިވެ އެވެ. މި ހަރަކާތްތަކުގެ ބޭނުމަކީ ރައްޔިތުން ތިބީ ރައީސް ޔާމީނާއި އެކުކަން ހާމަކޮށްދިނުން ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަށްތަކުގައި އެ ހަރަކާތްތަކުގެ ތެރެއިން ސައިކަލް ބުރުތަކާއި ހިނގާލުންތަކާއި، އެއްވުންތަކުގެ އިތުރުން ޝުއޫރު ފަޅު ކުރުން އޮންނާނެ ކަމަށެވެ. މާލޭގައި ކުރިޔަށް ގެންދާނީ ކުޑަކުދިންގެ ހަވީރާއި، މިއުޒިކް ޝޯތަކެއްގެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ބައެއް ތަންތަނުގައި ސައިކަލް ބުރު ޖަހާނެ. އަނެއް ރަށްރަށުގައި ހިނގާލުން އޮންނާނެ. އެނެއްބައި ތަންތާންގައި ބަނދަރު މައްޗަށް އެއްވެ ޝުއޫރު ފާޅުކުރަމުން ގެންދާނެ. އަނެއް ބައި ތަންތާންގައި ޖަގަހަތަކަށް އެއްވެ ޕޯޑުއަމްތަކުގައި ވާހަދައްކަވަމުން ގެންދަވާނެ،” އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ ރަށްރަށުގައި ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 އަށެވެ. މާލޭގައި މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށ ްކުރިޔަށް ގެންދާނެ އެވެ. ޕީޕީއެމްއިން ބުނީ މާލޭގައި އެ ހަރަކާތް ކުރިޔަށް ގެންދާނީ ސިޔާސީ ހަރަކާތްތަކެއްގެ ގޮތުގައި ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ