ކޮރަޕްޓް ވެރިންނަށް މިގައުމުގައި ފުރުސަތު ނުދޭނެކަމަށާ އެފަދަ ވެރިން އިންތިހާބުގައި ބަލިކުރާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އުމަރު 2018 ގެ އަޒުމް ހާމަކުރައްވާ އޭނާގެ ސަޕޯޓަރުންގެ ވައިބަރު ގުރޫޕްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައެވެ.
އުމަރު ވިދާޅުވީ އޭނާގެ ޓީމުން ކުރަމުންދާ މަސައްކަތަކީ މިގައުމުގައި ތެދުވެރި ވެރިކަމެއް ގާއިމްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކެއްކަމަށެވެ. އުމަރު ވިދާޅުވީ އެ ޓީމުން 2008 ވަނަ އަހަރު މިދަތުރުފެށީ މި ދަތުރުގެ ނުރައްކާތެރިކަމާއި، ދަތުރުގައި އަޑިގުޑަންތަކާއި އުސްގުޑަންތައް އަންނާނެކަން ދެނެތިބެކަމަށެވެ.
އަދި ކުރިމަތިން ފެންނަ މަންޒަރުތަކުން މާޔޫސްނުވުމުގެ އަޒުމުގައިކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ޓީމަކީ މާސްކް އަޅައިގެން ތިބޭނެ ބައެއް ނޫންކަމަށާ މޫނު މަތިން ފެންނާނީ އެތެރޭގައިވެސް ހުންނަ އެއްޗެއްކަމަށެވެ.
"މިއީ އޮއިވަރާއިއެކު ކުލަ ބަދަލުވެސް ކުރާނެ ބައެއް ނޫން. ބޭރުން ތިޔަ ފެންނަ ކުލަޔަކީ އެތެރޭގައިވެސް ހުންނަ ކުލަ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާގެ ޓީމުން ކުރަމުންދާ މި މަސައްކަތުގައި މުޅި ގައުމު އަމާން ދިން ނަމަވެސް ޢޭނާއާއި އޭނާގެ ޓީމުން އަމާން ނުދޭނެކަމަށެވެ. އަދި މުޅި ގައުމު ގަތަސް އޭނާ ގުނަނެވޭނެކަމަށާ މުޅި ގައުމާއި ޑީލް ހެދިނަމަވެސް އޭނާއާއި ޑީލް ނުހެދޭނެކަމަށެވެ.
"އަމާނާތަކަށް ހިޔާނާތްތެރިއެއް ނުވާނަން. ވައުދުކޮށްފިއްޔާ ފުއްދާނެ. ދޮގު ހަދާ އޮޅުވައެއް ނުލާނެ." އުމަރު ވިދާޅުވިއެވެ.
މީގެ އިތުރަށް އުމަރު ވިދާޅުވީ ލާދީނީ ވެރިންނާއި ދެކޮޅަށް ތެދުވެ އެފަދަ ވެރިކަންތައް ބަދަލްކުރާނެކަމަށެވެ. އަދި ކޮރަޕްޓްވެރިން އިންތިހާބުތަކުގައި ބަލިކުރާނެކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކޮށް އެ ޕާޓީގެ ޓީކެޓް ހޯއްދަވާނެކަމަށްވެސް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.
މި މައްސަލައާއި ގުޅިގެން ބައިބައިވެފައިވާ ޕީޕީއެމް އިތުރަށް ރޫޅި ބައިބައިވެފައިވާއިރު، ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ޕްރައިމަރީއަކާއި ނުލައި ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ޓިކެޓް ދޭންޖެހޭނެކަމަށް ވަކާލާތުކުރަމުންނެވެ.
ކޮރަޕްޓް ވެރިން އިންތިހާބުގައި ބަލިކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ