ގާސިމް އެނބުރި ޤައުމަށް ވަޑައިގަންނަވާނޭ ކަމަށް ޤަބޫލުކުރަން: އަޒްލީން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ފަހު އެނބުރި ރާއްޖެއަށް ވަޑައިގަންނަ ވާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް ޤައިދީއެއްގެ ގޮތުގައި ހުރެ ބޭސްފަރުވާއަށް ޓަކައި ސިންގަޕޫރަށް ފުރުމުގެ އިންތިޒާމްތައް ހެއްދެވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވެލެއްވި އަޒްލީން ވިދާޅުވީ އެހެން ސިޔާސީ ލީޑަރުން ބޭސްފަރުވާއަށްޓަކައި ބޭރަށް ފުރާވަޑައިގަތުމަށް ފަހު އެހެން ޤައުމުތަކުގެ ހިމާޔަތުގެ ދަށަށް ވަޑައިގެން ފަދައިން ގާސިމް ފިއްލަވައިވަޑައިގަންނަވާނޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ދީފައިވާ 10 ދުވަހުގެ މުއްދަތު ހަމަވުމާއި އެކު އެނބުރި ވަޑައިގެން ކަަމާއި ބެހޭ އިދާރާތަކަށް ރިޕޯޓް ކުރައްވާނޭ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް އަޒްލީން ވަނީ ވިދާޅުވެފައެވެ.
އަޒްލީން ވަނީ ގާސިމްގެ ބޭސްފަރުވާއާ މެދު ސަރުކާރުން އިހުމާލުވާ ކަމަށް ބުނެ ސިޔާސީ ބޭފުޅުން ސަރުކާރު ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެއީ އެއްވެސް ތާކުން ތާކު ނުޖެހޭ އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި ގާސިމްގެ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ސަރުކާރުން އިޚްލާސްތެރިކަން ރޭ ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
ގާސިމް ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައި ވަނީ ރާއްޖެއިން ފަރުވާ ހޯއްދެވެން ނެތް ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމުށް ޓަކައެެވެ. ގާސިމް މިހާލުކޮޅުގައި ވަނިކޮށް އެމަނިކުފާނުގެ ޣައިރު ހާޟިރުގައި ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ މައްޗަށް ރިޝްވަތުގެ ދައުވާއެއް ސާބިތުވާ ކަމަށް ނިންމާ އެމަނިކުފާނުގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ