ރައްޔިތުން މުޒާހަރާއަށް ނުކުންނަން މިސްރު އަސްކަރިއްޔާއިން ގޮވާލައިފި

(ކައިރޯ، 24 ޖުލައި 2013) - ޓެރަރިޒަމާ ދެކޮޅަށް މުޒާހަރާ ކުރަން ހުކުރު ދުވަހު މިސްރުގައި ރައްޔިތުން ނުކުތުމަށް މިސްރު އަސްކަރިއްޔާގެ ވެރިޔާ ގޮވާލައްވައިފި އެވެ.
މިއަދު މެންދުރު އޮތް އަސްކަރިއްޔާގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކާނަލް ޖެނެރަލް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން އަސްކަރިއްޔާ މިހާރު ބޭނުންވަނީ ހަމަނުޖެހުންތަކާއި ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ގެންގުޅޭނެ މެންޑޭޓެއް ކަމަށެވެ.
މުޒާހަރާއަށް ގޮވާލި ނަމަވެސް، ޖެނެރަލް ސީސީ ވިދާޅުވީ، މުޒާހަރާތަކުގައި ވެސް އިތުރު ހަމަނުޖެހުން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ އެއްބައިވަންތަކަން އުފައްދައި، ގައުމު ހަމަ މަގަށް އަޅުވަން ކަމަށެވެ.
"އަހަރެން މި ގޮވާލަނީ މިއަނަން ހުކުރު ދުވަހު ރައްޔިތުން މަގުތަކަށް ނުކުމެ، އެމީހުންގެ އަޑު އިއްވުމަށް. ކުރިމަތިވެދާނެ ހަމަނުޖެހުމަކާއި ޓެރަރިޒަމާއި ދެކޮޅަށް އަމަލު ކުރާނެ މެންޑޭޓެއް އަހަންނާއި، އަސްކަރިއްޔާ އަދި ފުލުހުންނަށް، ދިނުމަށް،" އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖެނެރަލް ސީސީ ވިދާޅުވި އެވެ.
ވެރިކަން ބަދަލު ކުރުމާއި ގުޅިގެން މިސްރުގެ އަސްކަރިއްޔާ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތައް ދޮގު ކުރައްވާ ޖެނެރަލް ސީސީ ވިދާޅުވީ، އަސްކަރިއްޔާގެ ތެރޭގައި އެއްވެސް ވަރެއްގެ ބައިބައިވުންތަކެއް ނެތް ކަމަށާއި އަސްކަރިއްޔާ އޮތީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ކަމަށެވެ.
ބަދަލުކޮށްފައިވާ ވެރިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖެނެރަލް ސީސީ ވިދާޅުވީ، ކުރީގެ ރައީސް އެއީ ހުރިހާ ރައްޔިތުންގެ ރައީސަކަށް ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. އަދި 2012 ވަނަ އަހަރު މުރްސީ ވެރިކަމަށް ގެނައި އިންތިޚާބުގެ ކުރިން ވެސް، ރިޔާސީ ރޭހަށް މީހަކު ނުނެރުމަށް ހަރުކަށި އިސްލާމީ ފިކުރުގެ ފަރާތްތަކަށް ނަސޭހަތްތެރިވި ކަމަށާ، ނަމަވެސް އޭރު އެފަރާތްތަކުން އޭނާގެ ބަސް ނޭހި ކަމަށެވެ.
މުޒާހަރާތަކަށް ނުކުތުމަށް ގޮވާލާ ޖެނެރަލް ސީސީ ވާހަކަ ދައްކަވާފައިވާއިރު، މި މަހުގެ ތިން ވަނަ ދުވަހު އަސްކަރިއްޔާއިން ނުކުމެ، ވެރިކަން ބަދަލު ކުރުމާއި ގުޅިގެން މުރްސީއަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އަސްކަރިއްޔާ އާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ