ކަސްޓަމްސް އާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ: އުމަރު
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އޮންނަ ފަދައިން ރާއްޖޭގެ ކަސްޓަމްސް އާއި އިމިގްރޭޝަން ޑިޕާޓްމަންޓް އެއްކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަކުރާ ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދެ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ކަސްޓަމްސް އާއި އިމިގްރޭޝަން އެއްކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެނީ، އޭރުން ދައުލަތަށް ޚަރަދު ކުޑަވާނެތީ ކަމަށެވެ. އަދި ކަސްޓަމްސް އާއި އިމިގްރޭޝަނަކީ ގާތްގަނޑަކަށް އެއްކަހަލަ ދެ ތަން ކަމަށް ވާތީވެ، އެ ދެ މުއައްސަސާ އެއްކޮށްލައިފި ނަމަ، އޭގެ ސަބަބުން ހަލުއި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވި އެވެ. ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ދިދަ ނެގުމަށް މިއަދު ހެނދުނު މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ކަސްޓަމްސްގެ މުވައްޒަަފުން.---ފޮޓޯ: ކަސްޓަމްސް މިއަދު ހެނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް އާދިލް ރިޒާ ވިދާޅުވީ، ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފެށިގެންދާއިރު، އެ މުއައްސަސާ ވަނީ، ރިސްކް ބޭސްޑް މެނޭޖްމަންޓް ފްރޭމްވޯކް އަކަށް ބަދަލުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްފައި ކަމަށެވެ. އަދި އޭގެ ނަތީޖާ އަކީ ކަސްޓަމްސް އިން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވުން ކަމަށް އޭނާ ވިދާޅުވި އެވެ. އައްބާސް ވިދާޅުވި ގޮތުގައި ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ވަނީ މިދިޔަ އަހަރަށް ވުރެ މިއަހަރު އިތުރުވެފަ އެވެ. އަދި ރާއްޖޭގައި އަލަށް ހުޅުވުމަށް މަސައްކަތް ކުރާ 24 ރިސޯޓަށް ގެންނަ މުދަލާއި އަދިވެސް ބައިނަލްއަގްވާމީ ވިޔަފާރި ފުޅާވަމުންދާ ސްޕީޑާ އެއްވަރަށް ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްގީކޮށް، އެ ކަންކަމަށް ސާބިތުކަމާއެކު ކުރިމަތިލުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ހޯމް މިނިސްޓަރު އުމަރާއި ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް އައްބާސް ދިދަ ނަންގަވައި ދެއްވަނީ.---ފޮޓޯ: ކަސްޓަމްސް މާލޭގައި ހުންނަ ކަސްޓަމްސްގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ކަސްޓަމްސް އޮފީސްތަކުގައި ވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ވަނީ ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ