އެމްއެޗް 370 ފެނޭތޯ ހޯދާ ސަރަހައްދު ބަދަލުކުރަނީ

ޕާތު، އޮސްޓްރޭލިއާ (އޭޕްރީލް 26) - މެލޭޝިއާ އެއާލައިންސްގެ ގެއްލިފައިވާ ފްލައިޓް އެމްއެޗް 370 ހޯދުމަށް އޮސްޓްރޭލިއާގެ ހުޅަނގު ކަނޑުގައި ބަލަމުން ދިޔަ ތަނުން ފްލައިޓްގެ އެއްވެސް ނިޝާނެއް ނުފެނުމުން އިތުރު ސަރަހައްދުތައް ބަލަން ނިންމާފައިވާ ކަމަށް އޮސްޓްރޭލިއާ އިން އިއްޔެ ބުނެފި އެވެ. މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ޗައިނާގެ ބެއިޖިން އަށް 239 މީހުންނާ އެކު ދަތުރުކުރަނިކޮށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ގެއްލުނު ފްލައިޓް މިސްރާބު ބަދަލުކޮށް، ދުއްވާފައި ވަނީ އޮސްޓްރޭލިއާގެ ހުޅަނގުން ކަނޑާ ދިމާލަށް ކަމަށް ނިންމާފައި ވަނީ ސެޓެލައިޓުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށްފަ އެވެ. ފްލައިޓް ވަނީ ކަނޑަށް ވެއްޓިފައި ކަމަށް ނިންމައި، ކަނޑުގެ އަޑި ބެލުމަށް މިނީ ސަބްމެރިން ބްލޫފިން-21 ފޮނުވައިގެން ބަލަން ކަނޑައެޅި ހިސާބު ވެސް މިހާރު ވަނީ ގާތްގަނޑަކަށް ބަލައި ނިމިފަ އެވެ. ކަނޑު އަޑި ބެލުމުގެ ދަތުރަކަށް ފަހު ސަބްމެރިން ބްލޫފިން-21 ބުރާސްފަތި ދުވަހު ކަނޑުން ނަގަނީ. -- އޭއެފްޕީ ފޮޓޯ/އޮސްޓްރޭލިއާ ޑިފެންސް "ބްލޫފިން-21ގެ މަސައްކަތް ނިމޭއިރު އެއްވެސް ނިޝާނެއް ނުވެއްޖެ ނަމަ، މިހާރު މި ބެލި ސަރަހައްދާ ޖެހިގެން އޮތް ސަރަހައްދެއް ބަލާނެ،" ފްލައިޓް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކޯޑިނޭޝަން ސެންޓަރުގެ ބަޔާނެއްގައި ބުނެފައިވެ އެވެ. ބްލޫފިން-21 އިން 10 ކިލޯމީޓަރުގެ ރޭޑިއަސްގެ ސަރަހައްދެއް ބަލަން ނިންމާފައި ވާއިރު އިއްޔެގެ ނިޔަލަށް ވަނީ ކަނޑައެޅި ސަރަހައްދުގެ 95 ޕަސެންޓް ބަލައިފަ އެވެ. މި ސަރަހައްދަކީ ފްލައިޓްތަކުގެ ބްލެކްބޮކްސް އިން ލިބޭ ކަހަލަ ސިގްނަލްތަކެއް ކުރިން ލިބުނު ހިސާބެކެވެ. "މަސައްކަތް ދެން ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މިހާރު މި ދަނީ އެހެން ބައިވެރިންނާ އެކު މަޝްވަރާކުރަމުން،" ބަޔާނުގައިވެ އެވެ. ފްލައިޓް ހޯދުމުގެ މަސައްކަތަށް ދެ މަސް ދުވަސް ވާން ގާތްވެފައި ވާއިރު މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ފްލައިޓް ގެއްލުމާ ބެހޭ ގޮތުން ކުރި ފުރަތަމަ ތަހުގީގުގެ ރިޕޯޓް މި ފެށޭ ހަފުތާ ތެރޭގައި އާންމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވެފައި ވަނީ ފްލައިޓާއި އޭގައި ތިބި މީހުން ގެއްލުނީ ކަމަށް ސަރުކާރުން އަދި ކަނޑައަޅާފައި ނުވާ ކަމަށާއި އެގޮތަށް ނިންމަން ވެސް އަދި ބޭނުން ނުވާ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ