ރޭގެ ހަމަނުޖެހުމުގައި ކަރަންޓު ޝޮކު ދޭ ޒާތުގެ އެއްޗެއް ބޭނުންކޮށްފި

ސަރުކާރާ އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ރޭ ހިނގި ތަޅާފޮޅުމުގައި ކަރަންޓު ޝޮކު ދޭ ޒާތުގެ އެއްޗެއް ބޭނުންކޮށްފި އެވެ. ކަރަންޓު ޝޮކު ދޭ އެތި ބޭނުންކުރީ އެމްޑީޕީ ހަރުގެ ކައިރި އަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެކަކު ކަމަށް އެތަނަށް ދިޔަ ބައެއް ނޫސްވެރިން ބުނެ އެވެ. އެކަމަކު އެމްޑީޕީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެކަން ކުރީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ "ކައްކުވާލާފައި އެމްޑީޕީ ހަރުގެ ކައިރި އަށް އައި ބައެއް" ކަމަށެވެ. "އެއީ އެމްޑީޕީއާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން،" އިންތި ވިދާޅުވި އެވެ. ކަރަންޓް ޝޮކް ދޭ އެތި ވަނީ އެމްއެންބީސީގެ ރިޕޯޓަރު މޫސާ ނައުޝާދުގެ ގައިގައި ޖައްސާފަ އެވެ. އޭނާގެ ގައިގައި އެޖެއްސީ ދަގަނޑު ހޮޅިބުރިތައް ހިފައިގެން ތިބި މީހުން ނައުޝާދު ގައިގައި ވަރަށް ގަދަޔަށް ތެޅުމަށް ފަހު އެވެ. ނައުޝާދު ގައިގައި އޭތި ޖެއްސި މަންޒަރުގެ ވީޑިއޯ ވެސް ޔޫޓިއުބުގައި މިހާރު ވަނީ އާންމުވެފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭގެ ހަމަނުޖެހުމުގައި ކަރަންޓު ޝޮކު ޖައްސާ ޒާތުގެ އެއްޗެއް ބޭނުން ކުރި މައްސަލައެއް އުޅޭ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްއެންބީސީ ވަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބައެއް މީޑިއާތަކުން ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނޫސްވެރިޔާ އަށް ދިން ހަމަލާ އިންތި ވަނީ ކުށްވެރިކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެއީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ