ދިރާގު ދިވެހި ލީގުގައި މާދަމާ ނިއު ރޭޑިއަންޓާއި ވެލެންސިއާ ބައްދަލުކުރާ މެޗަކީ އޭނާއަށް ހާއްސަ މެޗެއްނޫން ކަމަށާއި އެ މެޗު ހާއްސަވަނީ ދެ ޓީމުގެ ސަޕޯޓަރުންނަށް ކަމަށް ވެލެންސިއާގެ ކޯޗު ބޮއިކޯ ކަމެނޯފް ސިމިއޮނޯފް ބުނެފި އެވެ.
ކުރިން ނިއުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ބަލްގޭރިޔާގެ ކުރީގެ ޑިފެންޑަރު ބުނީ "އަހަރެންގެ ޓީމަކީ މިހާރު ހަމައެކަނި ވެލެންސިއާ،" ކަމަށެވެ.
"ނިއު އަކީ އަހަރެންގެ މާޒީ. އަހަރެން ނިއު ރޭޑިއަންޓަށް ކުޅުނުއިރު އެ ޓީމަށް ކާމިޔާބު ހޯދައިދޭން ވަރަށް މަސައްކަތްކުރިން. އަހަރެންގެ މިހާރުގެ ޓީމަކީ ވެލެންސިއާ. އަހަރެން ބޭނުންވަނީ ހަމައެކަނި ވެލެންސިއާ އަށް ކާމިޔާބޯ ހޯދައިދޭން. މި މެޗުން އަހަންނަށް ހާއްސައެއްނުވޭ، އެކަމަކު މި ދެ ޓީމުގެ ސަޕޯޓަރުން މި މެޗު ވަރަށް ހާއްސަކޮށްނަގާނެ،" ބޮއިކޯ ބުންޏެވެ.
އޭނާ އަކީ މި ސީޒަނުގައި ނިއު އަށް ކޯޗުކޮށްދިނުމަށް ކުރިމަތިލީ ކޯޗެއްވެސްމެ އެވެ. އޭނާ ވެލެންސިއާ އަށް އައީ ކޮންމެ ވެސް ސަބަބުތަކަކާހުރެ ނިއުއިން އޭނާ ނުގެންނަން ނިންމުމުންނެވެ.
ނަމަވެސް ބޮއިކޯ ބުނީ ނިއު ރޭޑިއަންޓަށް އަބަދުވެސް ހެޔޮއެދޭ ކަމަށާއި ނަމަވެސް އޭނާގެ ކޯޗުކަމުގައި ވެލެންސިއާ އަތުން ނިއު ބަލިވާތަން ސަޕޯޓަރުންނަށް ދައްކާލުމަކީ އޭނާގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަންތައްތައް ކަމަށެވެ.
ބޮއިކޯ ބުނީ ނިއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އޭނާ ނިއު އަށް ކުޅުނުއިރު ވެލެންސިއާގައި އޮތް ފޯވަޑް ލައިން މިހާރު އޮތީ ނިއުގައި ކަމަށެވެ.
"ދަގަނޑޭ، އަލީ އުމަރު މިއީ ވަރަށް ނުރައްކާ މީހުން. އަހަންނަށް އެނގޭ އެމީހުން ކުޅޭގޮތް، އެމީހުންނާ ކުރިމަތިލާންވީގޮތް. އަހަރެން އުއްމީދުކުރަނީ ވެލެންސިއާ މޮޅުވެގެން ފައިބާނެ ކަމަށް. އަހަރެންގެ ޓީމު އޮތީ މެޗަށް ތައްޔާރުވެފައި. ޓީމަށް ގެނައި ބަލްގޭރިޔާ ކުޅުންތެރިންގެ ކުޅުން ވެސް ވަރަށް ރަނގަޅު،" ބޮއިކޯ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ނިއު އާއި ވެލެންސިއާ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ނިއު އަށެވެ. އެ ޓީމަށް ފައިދާ 10 ގޯލު އޮތްއިރު ވެލެންސިއާ އޮތީ ފައިދާ ފަސް ގޯލާއެކުގަ އެވެ.
މި މެޗާ ބެހޭ ގޮތުން ނިއުގެ ކޯޗު ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް ބުނީ ނިއު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ހަމައެގޮތަށް ވެލެންސިއާ ވެސް އޮތީ ފޯމުގައި ކަމަށެވެ.
"މިއީ ދެ ޓީމަށް ވެސް ވަރަށް ރަނގަޅު ޓެސްޓަކަށް ވެގެންދާނެ. ނިއު އަށް ވެސް ކުރިމަތިވާ އެންމެ ވަރުގަދަ އިމްތިހާނަކީ މިއީ. އަހަރެން އުއްމީދުކުރަނީ ވެލެންސިއާ އަތުން މޮޅުވެވޭނެ ކަމަށް،" ޕޮޕޯފް ބުންޏެވެ.
ލީގުގައި އިއްޔެ ކުޅުނު މެޗުން އީގަލްސް އަތުން މާޒިޔާ މޮޅުވީ 2-0 އިންނެވެ. މެޗުގެ ފަހު 10 މިނިޓްތެރޭގައި މާޒިޔާގެ ލަނޑުތައް ޖެހީ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އާއި އަސަދުﷲ އަބުދުﷲ އެވެ. ބުރާސްފަތި ދުވަހު އޭވައިއެލް އާއި ވީބީ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއަދު ކުޅޭނީ ބީޖީ އާއި ވިކްޓަރީ އެވެ.
އަހަންނަށް ނިއު މެޗް ހާއްސައެއް ނޫން، މެޗް ހާއްސައީ ސަޕޯޓަރުންނަށް: ބޮއިކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ