ސިޔާސީ މައްސަލަތަކަށް އިންޑިއާ އިން ބޭނުންވަނީ ދިވެހި ހައްލެއް: މައުމޫން

ރާއްޖޭގައި މިހާރު ހަލަބޮލި ވެފައިވާ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތައް އަމިއްލައަށް ހަމަޖެއްސުމުގެ ކުޅަދާނަކަން ދިވެހިންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލަތަކަށް ބޭނުންވަނީ ދިވެހި ހައްލެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންހް ވިދާޅުވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު މިރޭ އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ބޭރުގެ އެއްވެސް ފަރާތަކާ އެކު މަޝްވަރާ ކޮށްފައި ނުވި ނަމަވެސް މީގެ ހަތަރު-ފަސް މަސް ކުރިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ބޮޑުވަޒީރާ ބައްދަލުކޮށް، މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގައި، ރާއްޖޭގެ ދާހިލީ ކަންތައްތައް ހަމަޖައްސަން ޖެހޭނީ ދިވެހިން އަމިއްލައަށް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަމަށް އެ މަނިކުފާނު ވަރަށް ބޮޑަށް ތާއީދު ކުރައްވައި ވިދާޅުވީ ރާއްޖެއަކީ މުސްތަގިއްލު ގައުމެއް ކަމަށާއި އެހެންވެ ގާނޫނާއި ގަވައިދުތަކުގެ ދަށުން އަމިއްލައަށް މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށެވެ. ހިމާޔަތް ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ހައި ކޮމިޝަނުގައި ހުންނެވި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު ވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނާ ގަވައިދުތަކާ ތައާރަޒު ނުވާ ގޮތުގެ މަތިން ކަމަށެވެ. "މިއީ ވަރަށް އާދަޔާހިލާފުކޮށް ވެފައި އޮތް ކަމެއް. މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގައި މި ކަހަލަ ކަމެއް ދިމާވެފައެއް ވެސް ނެތް...އެކަމަކު ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއް. އެ ހައިސިއްޔަތުން އަޅުގަނޑުމެން އެ މަނިކުފާނަށް އަރުވަން ޖެހޭ ގަދަރާއި އިއްޒަތް އަރުވަން ޖެހޭނެ. ހަމައެކާއެކު ޝަރުއީ ހުކުމަށް ވެސް ވިސްނަން ޖެހޭ. އަޅުގަނޑު ދެކޭގޮތުގައި ވަރަށް ވިސްނުންތެރިކަމާއެކު މަޝްވަރާކޮށްގެން މިކަން ހައްލު ކުރެވިދާނެ،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މި މައްސަލައަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ރާއްޖޭން އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވުން ވަރަށް މުހިއްމު ކަމަށާއި އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އިންޑިއާއާ ދޭތެރޭ ހިތް ނުތަނަވަސް ވާން ނުޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ގަދަ ކުރުމަށް އެއްވެސް ބަޔަކު މަސައްކަތެއް ނުކުރެ އެވެ. އަދި ބޭރުގެ އެހެން ގައުމުތަކާ ގުޅުން ރަނގަޅު ކަމަށާއި އެކަމަކު ކުރިމަތިވާ މި ފަދަ މައްސަލަތަކުގައި އަވައްޓެރި ގައުމުތަކާ އެކު މަޝްވަރާކުރުން ތައް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ