މަދުވެގެން 40 އަހަރަށް ދެމިގެންދާ ސަރުކާރެއް ބޭނުންވޭ: އުމަރު

ގައުމު ތަރައްގީކުރެވޭނީ ދެމެހެއްޓެނިވި ސަރުކާރެއް އޮވެގެން ކަމަށާއި މި ގޮތުން މަދުވެގެން 40 އަހަރަށް ދެމިގެންދާނެ ސަރުކާރެއް ބޭނުންވާ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ޖީއެމްއާރު އަތުން ބައިނަލްއަގުވާމީ އެއާޕޯޓު ހޯދުމަށް ކުރި މަސައްކަތުގެ އުފާފާޅުކުރުމަށް ގައުމީ ހަރަކާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ބޭރު ގައުމުތަކުން މިސާލު ދައްކަވަމުން އުމަރު ވިދާޅުވީ ސިންގަޕޫރާއި ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުން ވެސް ފެނިގެން ދަނީ ދިގު މުއްދަތެއްގައި އެކަކު ނުވަތަ އެއް ޕާޓީއަކުން ވެރިކަން ކުރުމުން ލިބިގެންދާ ކުރިއެރުން ކަމަށާއި އިޓަލީ އާއި ގްރީސް އަދި ޕާކިސްތާނުން ފެންނަނީ ވެރިކަން އަވަސް އަވަހަށް ބަދަލުވުމުން އިގްތިސާދު ފުނޑެމުންދާ މަންޒަރު ކަމަށެވެ. އުމަރު ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ލިބުނު ކާމިޔާބީން މިސާލު ނަގައިގެން، 2013 ގައި އޮންނަ ރިއާސީ އިންތިހާބަށް ވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށާއި "އަޅުގަނޑުމެން އަޅުގަނޑުމެންނާ ދިމާއަށް ބަޑި ދިއްކޮށްގެން 2013ގެ އިންތިހާބު ކާމިޔާބުނުކުރެވޭނެ" ކަމަށެވެ. ރޭގެ 00: 2 އާ ހަމަ އަށް ކުރިއަށް ދިޔަ މި ޖަލްސާގައި އުމަރު ވިދާޅުވީ ރާއްޖެ އަށް ބޭރުގެ ދީންތައް ގެންނަން ބޭނުންވާ ފަރާތްތަކެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުގައި އެބަ ތިބި ކަމަށާއި އެ ފަރާތްތަކުން ދަނީ ނަޝީދަށް ފައިސާ "އޮއްސަމުން" ކަމަށެވެ. އަދި މިހާރު ސިޔާސީ ފަރާތްތަކުން އެއް ބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ނަމަ އެމްޑީޕީ އަށް ފަސޭހަކަމާ އެކު ވެރިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިއްތިހާދުގެ ތެރެއިން ކޮންމެ ބޭފުޅަކު ނުކުންނެވި ކަމުގައިވީ ނަމަވެސް އެ ބޭފުޅެއްގެ ފަހަތުގައި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގައި ބައިވެރިވާ ނަމަވެސް ސަރުކާރުގެ ވިސްނުމާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކަށް އިޝާރާތްކުރައްވައި އުމަރު ގޮވައިލެއްވީ "އަޅުގަނޑުމެން ކޮޅުގައި ތިބޭ ނަމަ ސާފުކޮށް އަޅުގަނޑުމެން ކޮޅުގައި" ތިބެންޖެހޭނެ ކަމަށެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ 2013ގެ އިންތިހާބަށް ދާނީ ނަޝީދު ހިންގި ގާނޫނާ ހިލާފު ޖަރީމާތައް ބެލުމަށް ފަހު ކަމަށެވެ. ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންތަކެއް ވާހަކަ ދެއްކެވި މި ޖަލްސާގައި މަދަނީ އިއްތިހާދުގެ ނާއިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ ޖީއެމްއާރު އަތުން ފައިސާ ނަގައި އެ ކުންފުންޏަށް ލަނޑުދިން ދިވެހިންގެ ބަޔަކު އެބަ ތިބި ކަމަށާއި އެ ފަރާތްތަކަކީ ކޮބައިކަން ޖީއެމްއާރުން "ދިވެހި ދަރިއެއް ކައިރީގައި ކިޔައިދީފައިވާ" ކަމަށެވެ. އަދި އެ ފަރާތްތަކާއި ނެގި އަދަދުތައް ވަރަށް ސާފުކޮށް "މާދަމާ" ހާމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ