ކޯޓުތަކާ ބެހޭގޮތުން އިބްރާ ދެއްކެވި ވާހަކަތަކަށް އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް އެބައޮތް: ވަހީދު

ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓާ ބެހޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވާހަކަ ދައްކަވާފައިވާ ކަމަށާއި އެ ވާހަކަތަކަށް އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު އެ ކޯޓަށް އެބައޮތް ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަހީދު ވިދާޅުވީ ބުރާސްފަތިދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާއެއްގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމަށް ވާހަކަ ދައްކަވައި ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އިބްރާ މަސައްކަތްކުރައްވާފައިވާ ކަމަށެވެ. ފަނޑިޔާރުންނާއި އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އަށް ނުފޫޒު ފޯރުވައި "އަޅުވެތިކުރުމަށް" ކުރާ މަސައްކަތްތައް ކުށްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައިވާ ގޮތުގައި އަމިއްލަ ފަރުދަކު ވިޔަސް ނުވަތަ ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހެއް ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ އެވެ. "ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން، ޝަރުއީ ދާއިރާއާ ބެހޭގޮތުން ވާހަކަ ދެއްކެވި އިބްރާ ނުވަތަ އެހެން މީހަކަށް ވެސް ކަނަޑައެޅިގެން އަދަބު ކަނޑައެޅުމުގެ އިޚްތިޔާރު އެބައޮތް،" ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓާ ގުޅޭގޮތުން އިބްރާ ދެއްކެވި ވާހަކަތަކަށް އެ ކޯޓުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ. އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ނިންމާ ނިންމުންތަކާ މެދު އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން އެކަމާ ދެކޮޅަށް ނުކުތުމަކީ "މޭކަރާނެ ކަމެއް ނޫން" ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެ، ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކަށް ބަޔާން ނެރޭ ހިސާބުން ކޯޓު ގޯސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޯޓުތަކުން ސިޔާސީ ކަންކަމާ ބެހޭ ނަމަ "ހަމަހިލާ ތިއިން އެކަކު ވެސް އެތާ ތިބޭކަށް ނުކުރޭނެ" ކަމަށާއި އެކަން ކުރާނެ ދައުލަތުގެ މުއައްސަސާއެއް ނެތިއްޔާ "މައުމޫން ވެރިކަމުން ބޭލި ރައްޔިތުން ވެސް އެބަތިބި ކަމަށް" އިބްރާ ވަނީ ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ނިއުސް ކޮންފަރެންސްގައި މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އެމްޑީޕީގެ ޖަލްސާގައި ޝަރުއީ ދާއިރާ އަށް ހަޖޫ ޖަހައި ވާހަކަ ދެއްކެވުމަކީ އިބްރާ ކުރެއްވި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި ބުރަ މަސައްކަތް ކުރެއްވި ކަމަށް ދައުވާކުރައްވައި، ޝަރުއީ ދާއިރާގެ ބާރު ކަނޑުވާލުމަށް ތަފާތު ޕޯޑިއަމްތަކުގައި އިބްރާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވެސް އާރިފް ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ފަނޑިޔާރުގޭގެ އަގުވައްޓާލުމަށް ވާހަކަ ދެއްކެވުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އެއީ ގައުމުގެ ވެރިކަންކުރާ މީހުންގެ ފެންވަރު ދައްކުވައިދޭ ދަށު ދަރަޖައިގެ އަމަލެއް،" އާރިފް ވިދާޅުވި އެވެ. ޕީޕީއެމުން ބުނީ ގާނޫނުތައް މުގުރާލައި، ޝަރުއީ ދާއިރާ ހަލާކުކޮށްލައި ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް މަސައްކަތްކުރުމަކީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރަކު ޝަރުއީ ދާއިރާ އަށް ފާޅުކަން ބޮޑު ގޮތެއްގައި ނުފޫޒު ފޯރުވުމަށް ވާހަކަ ދެއްކެވުމަކީ ރައީސް މުހައްމަދު ހިތްވަރު ދެއްވައިގެން ކުރައްވާ ކަމެއް ކަމަށް ވެސް ޕީޕީއެމުން ތުހުމަތުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ