ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ބިލަށް މެމްބަރު ނަޝީދު ވޯޓެއް ނުދެއްވާ!

ޕީޕީއެމްގެ ވިޕްލައިނާ އެއްގޮތަށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވޯޓެއް ނުދެއްވި އެވެ. ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، 46 މެމްބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ފާސްކޮށްފައިވާ އިރު، އޭރު ޖަލްސާގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އެ ވޯޓުގައި ބައިވެރިވެވަޑައިނުގަތީ މެމްބަރު ނަޝީދު އެކަންޏެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރަކު ވިދާޅުވީ "އެ ދުވަހު ޕީޖީ ގްރޫޕްގެ ބައްދަލުވުމުން ނިންމީ އެ ބިލަށް ގްރީން ޖަހަން (ބިލަށް ތާއިދުކުރަން)" ކަމަށެވެ. މި ވޯޓުގައި ނަޝީދު ބައިވެރިވެވަޑައިނުގަތީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބައެެއް މެމްބަރުންނާއި ބައެއް ގާނޫނީ ވަކީލުން ވިދާޅުވެފައިވަނިކޮށް، އެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ އެކު، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ކޮން އުސޫލެއްގެ މައްޗަށް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ބިލް ހުށަހެޅުއްވި މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވެސް ބިލް ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ. އެއީ އެ ބިލަށް ކޮމިޓީގެ މަރުހަލާގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާތީ އާއި އެމްޑީޕީގެ ވިޕްލައިނަށް ތަބާވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އިދިކޮޅު މެމްބަރުންގެ ތެރެއިން މި ބިލަށް ވޯޓު ދެއްވާފައި ވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ