މައުމޫން ފައުންޑޭޝަނުން އަނެއްކާ ވެސް މަތީތައުލީމުގެ 10 ފުރުސަތުދީފި

މައުމޫން ފައުންޑޭޝަނުގެ ދެވަނަ އަހަރީ އާންމު ޖަލްސާގައި ކުރިން އަހަރެކޭ އެއްފަދައިން މިއަހަރުވެސް 10 ކުއްޖަކަށް މަތީ ތައުލީމު އުގެނުމުގެ ފުރުސަތު ދީފި އެވެ.
މިއަހަރު މަތީ ތައުލީމުގެ ފުރުސަތު ދިން 10 ދަރިވަރުން ކިޔަވަން ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ ގާޑަން ސިޓީ ކޮލެޖުންނެވެ.
މިއަހަރު މިފުރުސަތު ލިބިފައިވާ 10 ދަރިވަރުންނަކީ ސ. ހިތަދޫ ފޯ މޫންސް އައިޝަތު ސަމާ އާއި ގދ. ގައްދޫ ވިލިގިލީގޭ މަރިޔަމް އަނީސާ އާއި ކ. ގުރައިދޫ ސޯފިޔާ އައިމިނަތު ޝާހިޔާ އާއި ހދ ނައިވާދޫ ނިވައިދަށުގޭ އައިޝަތު ނަޝީދާ އާއި ސ. ހިތަދޫ އެކަތަގޭ އާއިމިނަތު ސަމާ އާއި ހުޅުމާލޭ ދޮޅަސް މަރިޔަމް ޝާހާ ޝަކީބާއި ޅ. ހިންވަރު މާރަންގެ އާއިޝަތު ހަނާ އަލީ އާއި ޏ. ފޯއްމުލަކު ލައިގޯ އިބުރާހިމް ޒުއްނޫރު ހުސައިނާއި ވިލިމާލޭ ދިވެލި މުހައްމަދު ނައުރާފު ޖިހާދާއި ޅ. ހިންނަވަރު އަތިރީގޭ އަލީ އަފުޒަލެވެ.
މި ދަރިވަރުންނަށް މަތިތައުލީމުގެ ފުރުސަތު ލިބުނުކަމުގެ ހަދާނީ ލިއުން ދެއްވައިފައިވަނީ މައުމޫން ފައުންޑޭޝަންގެ ދެވަނަ އަހަރީދުވަސް ފާހަގަ ކުރަން ޝީބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ވޭތުވެ ދިޔަ އަހަރާއި މިއަހަރު މައުމޫން ފައުންޑޭޝަނުން މަތީތައުލީމު ހާސިލްކުރަން ފޮނުވާ ކުދިންގެ ސްކޮލަޝިޕްތަކަށް އެންމެ ބޮޑު އެހީއެއް ދެއްވާ އެއް ފަރާތަކީ އެފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ މެންބަރެއް ކަމަށްވާ ބެންގަލޫރުގެ ގާޑަން ސިޓީ ޓްރަސްޓްގެ ޗެއާމަން ޑރ. ޖޯސެފް އީ ޖޯޖް ކަމަށެވެ.
މައުމޫން ފައުންޑޭޝަނުން ވޭތުވެދިޔަ ދެއަހަރު މަތީތައުލީމު ހާސިލްކުރުމަށް ބޭންގަލޫރަށް ފޮނުއްވި 12 ކުދިންނާއި މިއަހަރު ފޮނުވަން ހަމަޖެހިފައިވާ 10 ކުދިންގެ ސޮކޮލާޝިޕްތައް ހަމަޖައްސައި ދެއްވާފައިވަނީ ވެސް ޖޯސެފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ