ގޭސް ޑެލިވަރީ ކުރުމާ ގުޅޭ ޝަކުވާތައް ވަނީ މަދުވެފައި: މައުމޫން

ގޭސް ޑެލިވަރީ ކުރުމާ ގުޅޭ ގޮތުން އާންމުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން ފެނަށް ޖެހުމާ ގުޅިގެން އާންމުނަށް ފެން ފޯރުކޮށްދިނުމުގައި "މޯލްޑިވް ގޭސް"ގެ މުވައްޒަފުން ކުރި މަަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކުންފުނީގެ މެނޭޖުްމަންޓުން ބޭއްވި ހަފުލާއެއްގައި މައުމޫނު ވިދާޅުވީ އާންމުގެ ފަރާތްތަކުން ލިބެމުންދިޔަ ޝަކުވާތަކުގެ 70 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށެވެ. "އޭގެ މާނަ އަކީ އަޅުގަނޑުމެންގެ ޑެލިވަރީގައި މަަސައްކަތްކުރާ ކުދިންނާއި އެކި ކޮމްޕޯނަންޓްތަކާއި ގުޅިފައި ތިބި އެކި އޭރިއާތަކުގެ ކުދިން އެމީހުންގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރެއޭ. އެހެންވީމަ މިކަން ކަމުގައި ތި ދާ ހަލުވި ސްޕީޑްގައި ދެމިތިބޭށޭ ބުނެލަން ބޭނުންވަނީ،" ސިޓްރަން ރެސްޓޯރެންޓްގައި ބޭއްވި ހަފްލާގައި މައުމޫން ވިދާޅުވި އެވެ. މާލެ އަށް ފެން ލިބުމުގައި ދިމާވި ދަތިކަމާއި ގުޅިގެން، މޯލްޑިވް ގޭސްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް ގެތަކަށް ގޭސްފުޅިތައް ގެންގޮސްދިނުމުގައި އެއްވެސް ތަފާތެއް އައިސްފައި ނުވާނެކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. "މިއަދު އަޅުގަނޑުމެންނަށް ބުނެވިދާނެ މޯލްޑިވް ގޭސް އަކީ ވެސް އަޅުގަނޑުމެންގެ މި ގައުމުގައި އުއްމީދެއް އޮތް ތަނެކޭ،" މައުމޫން ވިދާޅުވި އެވެ. އެ ރަސްމިޔާތުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން ވިދާޅުވީ މޯލްޑިވް ގޭސްގެ މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމަކީ އެހެން ކުންފުނިތަކަށް ނަމޫނާއެއް ކަމަށެވެ. އަދި ގޭސް ފޯރުކޮށްދޭން ބޭނުންކުރާ ޕިކަޕްތަކުގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިވި ނަމަވެސް ކެތްތެރިކަމާ އެކު އެކަންކަމާއި ކުރިމަތިލުމަށް އޭނާ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ