މައުމޫން ނޫން ކޮންމެ ބޭފުޅަކު ނުކުތަސް ކަންބޮޑެއް ނުވޭ: ޔާމީން
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފިޔަވައި ކޮންމެ ބޭފުޅަކު ނުކުމެވަޑައިގަތަސް ކަންބޮޑުވުމެއް ނެތް ކަމަށް އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ޔާމީންގެ ވާދަވެރިޔާ އުމަރު ނަސީރުގެ ކެމްޕޭނުގެ ވަކި ހިސާބަކުން އުމަރުގެ ބަދަލުގައި މައުމޫންގެ އަނބިކަނބަލުންގެ ބޭބެ އަދި ކުރީގެ މިނިސްޓަރު އިލްޔާސް އިބްރާހީމް ނުކުމެވަޑައިގަންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން "ހަވީރު" ން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ ވަކި ބޭފުޅެއްގެ ނަމަށް ހުތުރުވާ އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އިލްޔާސްއާ ގުޅޭ ގޮތުން ސީދާ ވާހަކަތަކެއް ދައްކަވަން ޔާމީން ދެކޮޅު ހެއްދެވި އެވެ. "ބޭބޭފުޅުން ]ޕްރައިމަރީގައި[ ނުކުމެވަޑައިގަތުމަކީ އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑު ވިސްނަން ޖެހޭނީ ރައީސް މައުމޫނަށް އެކަނި. އެއީ ކޮންމެހެން އަޅުގަނޑުގެ ބޭބެއަކަށް ވީމައެއް ނޫން،" ޔާމީން ވިދާޅުވި އެވެ. "ރައީސް މައުމޫނަކީ އަޅުގަނޑު އަބަދުވެސް އިހުތިރާމް ކުރާ ބޭފުޅެއް. ]ޕްރައިމަރީ[ އަށް ރައީސް މައުމޫން ނުކުމެވަޑައިގަންނަވާ ކަމަށް ވަނީ ނަމަ އަޅުގަނޑުގެ އިހުތިރާމް ރައީސް މައުމޫނަށް އޮންނާނެ." ޕްރައިމަރީގައި ވާދަކުރައްވާނެ ކަމެއް ވެސް އަދި ނޫން ކަމެއް ވެސް މައުމޫން އަދި ވިދާޅެއް ނުވެ އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ އެކަން އެނގޭނީ އެންމެ ފަހު ވަގުތު ކަމަށެވެ. އެކަމަކު މައުމޫން ވިދާޅުވި ގޮތުގައި ޕްރައިމަރީގައި އެއްވެސް ބޭފުޅެއްގެ ފަޅީގައެއް ނުހުންނަވާނެ އެވެ. އުމަރުގެ ކެމްޕޭން ރޭ އާޓިފިޝަލް ބީޗުގައި ރަސްމީކޮށް އިފުތިތާހު ކުރިއިރު ވެސް އުމަރާ އެކު އިލްޔާސް ވަނީ ފެނިފަ އެވެ. ޕްރައިމަރީ އަށް އިލްޔާސް ނުކުމެވަޑައިގަތުމާ ގުޅޭ ގޮތުން ރޭ އެއްވެސް އެއްޗެއް ވިދާޅުނުވި ނަމަވެސް ވަކި ހިސާބަކުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އުމަރު ދެއްވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން އޭނާ އަށް ވުރެ އެކަށީގެންވާ ބޭފުޅަކު ނުކުންނަވައިފި ނަމަ "ފަހަތަށް" އަދި "އަރިމައްޗަށް" ޖެހިވަޑައިގަންނަވަން ތައްޔާރު ކަމަށެވެ. އިލްޔާސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް އަދި ނެތް ކަމަށެވެ. ނަމަވެސް އެކަމާ މެދު ވަކި އެއްޗެއް ވިދާޅުވެވޭނީ އެންމެ ފަހު ވަގުތު ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ޔާމީން މިއަދު ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ގިނަ މީހުން ބޭނުންވަނީ އިގުތިސޯދީ ގޮތުން ގައުމު ހަމަޔަކަށް އަޅުވައި، ވަކިވަކި ފަރުދުންނަށް އެކަށީގެންވާ އާމްދަނީއެއް ހޯދައި ދެވޭނެ ފެންވަރުގެ ވެރިއެއް ކަމަށެވެ. "މިއަދު މި ގައުމުގައި ތިބީކީ ހަމައެކަނި ހަރު މީހުންނެއް ނޫން. އެތައް ޒުވާނުންނެއް އެބަތިބި. އެކިއެކި ވިސްނުން އެބަހުރި. އެ މީހުން ބަލަނީ މި އުޅުއްވާ ލީޑަރުންގެ ތެރެއިން އިގުތިސޯދަށާއި ދައުލަތަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވޭނީ ކޮން ބޭފުޅެއްތޯ. ރަނގަޅު އާމްދަނީއެއް އެކަށީގެންވާ ގޮތެއް ހޯދައިދެވެނީ ކޮން ލީޑަރަކަށްތޯ އެ މީހުން ބަލާނެ. ވަޒީފާގެ ޔަގީންކަން ލިބެނީ ކޮން ފަރާތެއްގެ ސަބަބުންތޯ އެ މީހުން ބަލާނެ،" ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ