ދާއިރާގެ އަސާސީ ކަންކަން ފުރިހަމަނުވާތީ ގޮވާލީ ބަރުލަމާނީ ނިޒާމަކަށް!

މި އަހަރުގެ ބަޖެޓްގައި ކަނޑިތީމު ދާއިރާއަށް ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމުގެ ތެރެއިން އަސާސީ ކަންކަން ފުރިހަމަ ވެފައި ނުވާތީ އެ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އަބަދު ވެސް ސަރުކާރަށް ފާޑު ވިދާޅުވާ އެމްޑީޕީގެ މެމްބަރު ޝަހީމް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާ ކޮށްފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރުމުގެ ކުރިން، މިއަހަރުގެ ބަޖެޓުގައި ދާއިރާގެ ތަރައްގީއަށް ހިމެނިފައިވާ ކަންކަމުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައި ވަނީ ކޮން މަސައްކަތްތަކެއް ތޯ ބަލަން ޖެހޭ ކަމަށެވެ. "ހަގީގަތަކީ 2021 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއިން ހުރި ކަންކަމަށް އިހުމާލު ވެގެން ދިޔަ ދިއުން އެއީ އަޅުގަނޑު މިއަދު ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" ޝަހީމް ވިދާޅުވިއެވެ. ސަރުކާރުން ބަޖެޓު ހަދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަން ފާހަގަކޮށް އެކަމަށް ވެސް ޖަވާބުދާރީ ވާން ޖެހެނީ މަޖިލީހުން ކަމަށް ޝަހީމް ވިދާޅުވިއެވެ. "ރައްޔިތުންގެ އެދުމުގެ މަތީން، އަޅުގަނޑުމެން އެ ބޭފުޅުން [ސަރުކާރުން] އެދޭ ކަންކަން ބަޖެޓުގައި ޖަހައިގެން އަޅުގަނޑުމެން އެ ތަންފީޒުކުރަމުން އައީ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރުގައި، މި ބަޖެޓަށް އަޅުގަނޑުމެން ވާހަކަ ދައްކަމުން އަންނައިރުގައި ކަނޑިތީމު ދާއިރާގެ މިދިޔަ އަހަރުގެ ބަޖެޓުގައި ހުރި ކަންކަން ތަންފީޒުނުވެ،" މެންބަރު ޝަހީމް ވިދާޅުވިއެވެ. ޝަހީމް އިތުރަށް ވިދާޅުވީ ކަނޑިތީމު ދާއިރާގެ ރަށްރަށުގެ އަސާސީ ހައްގުތައް ކަށަވަރު ނުވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ބާރާއި ނުފޫޒު ހުރި ބޭފުޅުން ގެންދަނީ އެ ދާއިރާތަކުގައި އިންތިހާއަށް ކަންކަން ކުރަމުން ކަމަށެވެ. މީގެ އިތުރުން މިފަދަ ކަންކަން ހައްލު ކުރެވޭނީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ގޮސްގެން ކަމަށް ޝަހީމް ތަކުރާރުކޮށް ވިދާޅުވިއެވެ. "އަޅުގަނޑަށް ޔަގީން ބަރުލަމާނީ ނިޒާމެއްގައި އަޅުގަނޑުމެން މިފަދަ ގޮތަކަށް އަމަލު ކުރާކަށް ނުޖެހޭނެ، ރައްޔިތުންނަށް އެންމެ ގާތުން މަސައްކަތް ކުރާ ބަޔަކީ މި އިއްޒަތްތެރި މަޖިލީހަށް ވާއިރުގައި އިއްޒަތްތެރި މަޖިލީހުގައި އެ ބާރުތައް ހުރެގެން އަޅުގަނޑުމެންނަށް އިންތިހާއަށް ކަންކަން ކުރެވިގެން ދާނެ،"ޝަހީމް ވިދާޅުވިއެވެ. މީގެ ކުރިން ވެސް ޝަހީމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ސަރުކާރަށް ތާއީދުކޮށް މަޖިލީހުގައި ވާހަކަދައްކަން ލަދުގަންނަ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ