ރައީސުލްޖުމްހޫރިއްޔާ ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން: ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމުގައި ކައުންސިލުން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު ލަންދޫ ސްކޫލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށާއި، ލަންދޫގައި މިއަދު އިފްތިތާޙްކުރެވޭ ބަނދަރަކީ މި ގޮތުން ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސްގެން ފަރުމާކުރެވިފައިވާ ބަނދަރެއް ކަން ފާހަގަކުރައްވާފައެވެ.
ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން އެންމެ އިސްކަމެއްދީގެން އަލިއަޅުއްވާލައްވާފައި ވަނީ އޮޑިފަހަރު އެހެލުމުގެ އިންތިޒާމް ފަހިކޮށްދެއްވުމަށާއި، ލަންދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ޚާއްޞަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށެވެ. މީގެ އިތުރުން ވެސް ކުނީގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ރަށުގެ އަންހެން ވެރިންނަށް ޚާއްޞަކޮށްގެން އައުޓްޑޯ ޖިމެއް ޤާއިމުކޮށްދެއްވުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވިގޮތުގައި ލަންދޫ ބަނދަރަކީ ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި، މިފަދަ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުން ރައްޔިތުންނާއި ކައުންސިލުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް މި އަހަރަށް ބަޖެޓްކުރެވިފައިވާ ފުޓްބޯޅަ ދަނޑު ޤާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އެ މަނިކުފާނު ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ