ކެލާ ވޯޓު ފޮށީގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރަން ކޯޓުން އަމުރުކޮށްފި

57: 15 - މައްސަލަ ޖެހުނު ހއ. ކެލާ ވޯޓު ފޮށީގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ކެލާ ރަށު ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލްގެ ކެލާ ދާއިރާ އަށް ވޯޓުލުމަށް ކެލާގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލްކޮށް، އެ ރަށުގައި އަލުން ވޯޓު ލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށްދިނުމަށް އެދި އެމްޑީޕީން ވަނީ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހަޅާފަ އެވެ.
އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ހައި ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެ "ވޯޓު ފޮށީގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަކީ ބައެއްގެ ހައްގުތަކަކަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށް ބެލެވޭތީ އެ ވޯޓު ފޮށީގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފީމެވެ."
ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ މާދަމާ ރޭ އިއުލާން ކުރަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވެފައިވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ކެލާގައި ވޯޓު ލުމުގެ ހައްގު ގިނަ ބަޔަކަށް ގެއްލިގެން ދިޔުމާއި ގިނަ އަދަދެއްގެ ބަޔަކު ވޯޓު ލާން ކިޔޫގައި ތިއްބައި ވޯޓު ފޮށި ބަންދުކުރުމަށް ފަހު ވޯޓު ލެވޭނެ މާހައުލެއް އަލުން އުފައްދައި ނުދެވުމާއި ކެލާގެ ވޯޓު ފޮށި ގުނިއިރު ކެންޑިޑޭޓުންނާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ގެއްލުމުން ކަމަށެވެ.
ކެލާގެ ވޯޓު ފޮށީގައި މައްސަލަ ދިމާވީ ޒަރޫރީ ބޭނުމަކަށް ވެސް ކިޔޫ ދޫކޮށް ހިނގައްޖެ ނަމަ އަލުން އެ ފުރުސަތު ނުލިބޭނެ ކަމަށް އެ ރަށުގައި ތިއްބެވި އިލެކްޝަންސްގެ އޮފިޝަލުން ވިދާޅުވުމުންނާއި ވޯޓު ލުމަށް ގިނަ ބަޔަކު ތިއްބައި އެހެން ރަށަކުން ދިޔަ މީހަކަށް ވޯޓުލުމަށް ފުރުސަތު ދިނުމުންނެވެ. އެކަމާ ގުޅިގެން ހަމަނުޖެހުން އުފެދި ހޮނިހިރު ދުވަހު 45: 3 ހާއިރު ވޯޓު ލުން ހުއްޓައިލި އެވެ.
އޭގެ ފަހުން ވޯޓު ލާން ފެށޭތޯ މަސައްކަތްކުރި ނަމަވެސް ރޭގަނޑު މެންދަމު ވޯޓު ލާން އެމްޑީޕީން ބޭނުމެއް ނުވި އެވެ. ޑީއާރުޕީން ބުނަމުން ދިޔައީ ޖެހިގެން އަންނަ ދުވަހަކަށް ވޯޓު ލުން މަޑުކުރަން ބޭނުން ނުވާ ކަމަށެވެ. އެ މައްސަލަގަނޑުގެ ތެރޭގައި ރަށު ތެރޭގައި ވެސް ވަރަށް ބޮޑެތި ހަމަނުޖެހުން ހިނގި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ރަށުގެ ކައުންސިލަށް ހޮވުނީ ޑީއާރުޕީގެ ހަތަރު ކެންޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ. އެހެން ނަމަވެސް ރަށުގެ ވަރަށް ގިނަ މީހުން ބުނަނީ އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.
ކެލާގެ އިތުރުން އެހެން ދާއިރާތަކެއްގެ ވޯޓުގެ މައްސަލަ ވެސް ވަރަށް އަވަހަށް ކޯޓަށް ވައްދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ