ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އަބްދުﷲ ގާޒީ، އަސްކަރީ ބަންދުން މިނިވަންކުރަން ޖެހޭނެ: އދ

ޝަރުއީ ދާއިރާ އާއި ސަރުކާރާ ދެމެދު ދިމާވެފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް އދ. ގެ އެހީއަށް ދިވެހި ސަރުކާރުން އެދިފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން ބަންދުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު "އަސްކަރީ ބަންދު" ން މިނިވަންކުރަންޖެހޭނެ ކަމަށް ނުވަތަ އޭނާއާ މެދު ކުރެވޭ ތުހުމަތާ ގުޅިގެން ދައުވާ ކުރުމަށް އދ. އިން ގޮވާލައިފި އެވެ.
އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާން ރަވީނާ ޝަމްދަސާނީއާ ހަވާލާދީ އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުނެފައި ވަނީ، ދިވެހި ސަރުކާރުން އެދުނު ކަންތައްތަކަށް އިޖާބަދިނުމާ ގުޅޭ ގޮތުން އަދިވެސް ދަނީ މަޝްވަރާކުރަމުން ކަމަށެވެ.
"ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ގަބޫލުކުރަން. އެހެން ނަމަވެސް ފަނޑިޔާރު އަބްދުﷲއާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ. މާނަ އަކީ އަސްކަރީ ބަންދުން އޭނާ މިނިވަންކޮށް، ދައުވާކުރުމަށްޓަކައި ކޯޓަށް ހާޒިރުކުރުން ނުވަތަ ދޫކޮށްލުން،" ރަވީނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލާގައި އދ. އިން ކަންބޮޑުވިއިރު، ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އެމްޑީޕީ ހަރުގޭގައި މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ، އެ މައްސަލާގައި ރާއްޖެއިން ބޭރުން އެންމެ ކޯލެއް ވެސް ނާންނަ ކަމަށެވެ.
"މިހާރު އަޅުގަނޑަށް އަބްދުﷲ ގާޒީގެ ކަންތައްތަކާ ބެހޭ ގޮތުން ނޫނީ ރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ހަމަ އެންމެ ކޯލެއް ވެސް ނާދޭ. ހަމަ އެއްވެސް ކޯލެއް ނާދޭ. އެއްވެސް ސުވާލެއް ވެސް ނުކުރޭ. ހަމަ އެއްކަމެއް ނުކުރޭ،" އޭނާ ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަހައްޓާފައި ވަނީ ސިފައިންގެ ތަމްރީން މަރުކަޒެއް ކަމަށްވާ ގިރިފުށީގަ އެވެ. އަދި އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރި އަމުރަށް ސަލާމަތީ ބާރުތަކުން ތަބާވެފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއާއެކު އަބްދުﷲ ގާޒީ މިނިވަންނުކޮށްގެން ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން މާލޭގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ