ސިޔާސީ ޕާޓީތައް ވާދަކުރާ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އިންތިހާބުގެ ދެވަނަ ބުރަކަށް ދާނެކަން މިހާރު ވަރަށް ބޮޑަށް ޔަގީންވެފަ އެވެ. ތާރީހީ މި އިންތިހާބުގައި ވާދަކުރައްވާ ހަ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް 51 ޕަސެންޓް ލިބިވަޑައިނުގަންނަ ވާނެ ކަން މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން ސާފުވެ އެވެ. އެހެންވެ މިހާރު އެންމެ ބޮޑު ސުވާލަކީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ދެން ކަންތައް ވެގެން ދާނީ ކޮން ގޮތަކަށް ބާވަ އެވެ؟ ކެންޑިޑޭޓުންގެ ވިސްނުން ދެން ގެންގުޅުއްވާނީ ކޮން ގޮތަކަށް ހެއްޔެވެ؟
މި އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރަމުން ދާއިރު ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ފިޔަވައި ދެން ތިއްބެވި ފަސް ކެންޑިޑޭޓުންނަކީ ވެސް އޮޕޮޒިޝަން ނުވަތަ އިދިކޮޅު ކެންޑިޑޭޓުންނެވެ. އަދި ދެވަނަ ބުރުގެ ނަތީޖާ އިން ރައީސް މައުމޫނު ބަލިކޮށްލައްވަން ބަލާއިރު އިދކޮޅު ހުރިހާ ކެންޑިޑޭޓުން އެކައްޗެއް ކިޔާފާނެ ބާވަ އެވެ؟
އިންތިހާބުގެ ނަތީޖާ މިއަދު މެންދުރާ ހަމައަށް އިއުލާންކޮށްފައިވާއިރު މިހާތަނަށް އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ސްޓޭންޑް އެންމެ ސާފު ގޮތެއްގައި ހާމަކޮށްފައި ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޑރ. ހަސަން ސައީދެވެ. ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ރަނިންމޭޓް ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވީ މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާތަކުން، މިހާރުގެ ސަރުކާރަށް ތަނަވަސް އަޣުލަބިއްޔަތެއް ނެތްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަދުގެ ސަރުކާރު ބަދަލުވާން. މި ނަތީޖާއިން އެބަ އިނގޭ ދެވަނަ ބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް (މުހައްމަދު ނަޝީދު) އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތްކަން. އެހެންވީމަ އަޅުގަނޑުމެން ނިއު މޯލްޑިވްސް އިން މި ނިންމީ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރަން. އެއީ މިހާރު މި އޮތް ސަރުކާރު ބަދަލުވުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށްވާތީ،" މިއަދު މެންދުރާ ހަމައަށް އިއުލާން ކޮށްފައިވާ ނަތީޖާތަކުން 17 ޕަސެންޓް ހޯއްދަވާފައިވާ ޑރ. ހަސަންގެ ރަނިންމޭޓް، ޑރ. ޝަހީދު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ރަނިންމޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތަކާ ގުޅިގެން އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އެހެން ނަމަވެސް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން އަދި ގޮތެއް ނުނިންމަވާ ކަމަށާއި އެކަމަށް އެއްޗެއް ވިދާޅުވާނީ ޖުމްހޫރީ ޕާޓީގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މިއަދު މެންދުރާ ހަމައަށް އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އަދި އެންމެ ދަށް ނަތީޖާއެއް ލިބިވަޑައިގެންފައިވާ އެސްއެލްޕީގެ ފަރާތުން ވާހަކަ ދެއްކެވި އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު ހަސަން ލަތީފު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު މިހާތަނަށް އަދި ގޮތެއް ނިންމާފައި ނެތް ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ އަނެއްހެން އަޅުގަނޑުމެންނާ ހެދީ އެހެން މީހަކަށް ގެއްލުންވާނެ ހެން. އަޅުގަނޑުމެން އަދި މި އުޅެނީ އިންތިހާބުގައި އެއް ޕަސެންޓް ވެސް ނުލިބިގެން. އެހެންވެ (ދެވަނަ ބުރުގައ) ކޯލިޝަން ހެދުމުގެ މާނައެއް އަޅުގަނޑަކަށް ނުފެނޭ. ދެން ދެވަނަ ބުރުގައި އަޅުގަނޑުމެން އަމަލުކުރާނެ ގޮތާ މެދު އެއްޗެކޭ ބުނެވޭނީ ޕާޓީ ތެރޭގައި މަޝްވަރާ ކޮށްފައި،" ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑި ވެސް ފުރުއްވަމުން ގެންދަވާ އިބުރާގެ އެސްއެލްޕީން ބުންޏެވެ.
އިންތިހާބުގެ ވާދަވެރިކަން ދެވަނަ ބުރުގައި އެންމެ ބޮޑަށް ވިސްނަވާނެ އެއް ބޭފުޅަކަށް ވެ ވަޑައިގަންނަވާނީ ހަމަ ގައިމު ވެސް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމެވެ. ޑީއާރުޕީން ދެކޭ ގޮތުގައި ފުރަތަމަ ބުރުގައި މައުމޫނަށް 51 ޕަސެންޓް ވޯޓު ލިބިވަޑައިނުގެންނެވި ނަމަވެސް އިދިކޮޅު ފަސް ކެންޑިޑޭޓުންނާ ވާދަކުރައްވައި އެމަނިކުފާނު ވަނީ ފާހަގަ ކުރެވޭ "ބޮޑު ކާމިޔާބީއެއް" ހޯއްދަވައިފަ އެވެ.
"ގާނޫނު އަސާސީގައި 51 ޕަސެންޓް ލިބެންޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، 40 ޕަސެންޓް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ލިބިވަޑައިގަތުމަކީ ބޮޑު ކާމިޔާބީއެއް. މިއީ އަޅުގަނޑުމެންނަށް ލިބުނު ކްލިއަލީ ވިން އެއް(ސާފު ކާމިޔާބީއެއް. ޑީއާރުޕީގެ ޒައީމަކީ ހުދުމުހުތާރު ވެރިއެކޭ ބުނެ އިދިކޮޅު ފަރާތްތަކުން ކިހާ ވާހަކައެއް ދެއްކިތޯ؟ މި ނަތީޖާއިން މި އެނގިގެން މި ދިޔައީ ދިވެހި ރައްޔިތުންގެ ބޮޑު ޕަސެންޓެއް ގަބޫލުނުކުރާކަން ޑީއާރުޕީގެ ޒައީމަކީ ހުދުމުހުތާރު ވެރިއެއް ކަމަކަށް. އެމަނިކުފާނަށް ނިސްބަތްކޮށް ކިހާ ވާހަކައެއް ދެއްކިތޯ؟ އެހެންވީމަ އަބަދުވެސް އަޅުގަނޑުމެން މި ބުނަނީ ދިވެހި ރައްޔިތުންނޭ ކަންކަން ނިންމާނީ. އެ އޮތީ އެކަން އެނގިފައި. މި ނަތީޖާ އަކީ ކުޑަކުޑަ މާޖިންއެއް ނޫން. ބޮޑު ތަފާތަކުން އެމަނިކުފާނު ކުރީގައި އެ އުޅުއްވަނީ. އިދިކޮޅު ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ހަމަ ވަރުގަދަ ބޭފުޅުން. އެ ހުރިހާ ބޭފުޅުންނާ ވާދަކުރައްވައި 40 ޕަސެންޓް ޑީއާރުޕީގެ ޒައީމް ހޯއްދެވުމަކީ ބޮޑު ކާމިޔާބީއެއް،" ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސާ އަނީސާ އަހުމަދު ވިދާޅުވި އެވެ.
ދެވަނަ ބުރުގައި ޑީއާރުޕީން ކާމިޔާބު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެހެންވެ މި މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ބެލެވޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފޯރި އަނެއްކާ ވެސް ގަދަވެގެންދާނެ އެވެ.
ރިޔާސީ އިންތިހާބު 2008: އިންތިހާބުގެ ދެވަނަ ބުރުގައި ކެންޑިޑޭޓުން ވިސްނުން ގެންގުޅުއްވާނީ ކިހިނެއް ބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ