ޑީސަލް ލިޓަރަކުން ރުފިޔާ އެއް ޕެޓްރޯލް ލިޓަރަކުން 95 ލާރި އަދި ކަރާސީނު ލިޓަރަކުން 20 ލާރި އެސްޓީއޯ އިން މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކޮށް ވިއްކާ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވަކިން ވިއްކާނީ 11.25ރ. އަށެވެ. ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން އައީ 10.30ރ. އަށެވެ. ޑީސަލް ލިޓަރެއް މިއަދުން ފެށިގެން 11.30ރ. އަށް ވިއްކާ ގޮތަށް ހަމަޖައްސައިފައިވާއިރު ކުރިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 10.30ރ. އަށެވެ. އަދި ކުރިން 11.30ރ. އަށް ވިއްކަމުން އައި ކަރާސީނު ލިޓަރެއް މިހާރު ވިއްކަނީ 11.50ރ. އަށެވެ.
މި ފަހަރަކީ އެސްޓީއޯ އިން ތެލުގެ ބާވަތްތަކުގެ އަގަށް މި އަހަރުގެ ތެރޭގައި ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެސްޓީއޯ އިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ބަލާއިރު ފެޓްރޯލާއި ޑީސަލްގެ އަގު 25 ޕަސެންޓް އަދި ކަރާސީނުގެ އަގު 17 ޕަސެންޓް ދުނިޔޭގެ ބާޒާރުގައި މައްޗަށް ގޮސްފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 99 އެމެރިކާ ޑޮލަރަށް އަރާފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އަގުތައް ކޮށްމެވެސް ވަރަކަށް ދަށަށް ދިޔަ ނަމަވެސް ތެޔޮ ފީފާއެއްގެ އަގު ފުރަތަމަ ފަހަރަށް 100 ޑޮލަރަށް އެރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މި ހަފުތާގައި 110 ޑޮލަރުން މައްޗަށް އެރުމަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ އެއަށްވުރެ ކުޑަ ތަންކޮޅެއް ދަށަށް ޖެހިލައިފަ އެވެ.
އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ތެޔޮ ވިއްކަނީ އެސްޓީއޯގެ ހިއްސާވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ. އެސްޓީއޯ އިން އިއުލާނު ކުރާ އަގުތަކަކީ ހަމައެކަނި މާލޭގައި ތެލުގެ ބާވަތްތައް ވަކިން ވިއްކާ އަގުތަކެވެ.
ޑީސަލް ލިޓަރަކުން ރުފިޔާ އެއް އަދި ފެޓްރޯލް ލިޓަރަކުން 95 ލާރި އެސްޓީއޯ އިން ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ