ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކޮށް އާންމުންނަށް ފަސޭހަކަމާ އެކު، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސ. ފޭދޫގައި ސްކޫލުގައި ރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސިއްހީ ރާއްޖޭގެ ރަށްރަށުގައި ހޮސްޕިޓަލްތަލާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތައް ސަރުކާރުން ގާއިމުކޮށްފައި ހުރި ނަމަވެސް އެއިން ތަނަކުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްނުދެވޭ ކަމަށެވެ.
"ރައްޔިތުންގެ ޝަކުވާއަކަށްވެފައި ވަނީ އެންމެ ކުދިކުދި އާދައިގެ ބަލިތަކަށް ވެސް ފަރުވާ މިތަންތަނުން ލިބެން ނުހުންނަ ވާހަކަ. މޮޅު ޑޮކްޓަރުން ވެސް އެބަތިއްބެވި. އެހެން ނަމަވެސް މައްސަލައަކީ ވަސީލަތް ނެތުން. ކީއްވެގެންތޯ އެވަސީލަތްތައް ނެތީ؟ މި ތިރީސް ހާސް މީހުން ދިރިއުޅޭ އަތޮޅެއްގައި (އައްޑު އަތޮޅު) މިހިރަ ހޮސްޕިޓަލުގައި ވެސް ނެތޭ ކަމެއް ދިމާވެއްޖިއްޔާ ފަރުވާ ދޭން ބޭނުންކުރާނެ އިކްޕްމަންޓެއް. މިއީ ހިތާމަ ހުރި ކަމެއް،" ޖުމްހޫރީ ޕާޓީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ. "ދެހާސް އަށް ވަނަ އަހަރު ނިމިގެން ދާއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުން ވަނީ މިހާލަތުގައެއް ނޫނޭ ދިރިއުޅެން."
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުން އެ ތަންތަނުގެ ސިއްހީ ހާލަތު ހުރި ގޮތާ ބެހޭ ގޮތުން ވިލާ ފައުންޑޭޝަނަށް އެތަކެއް ސިޓީތަކެއް ފޮނުވަމުންދާތާ އެތަކެއް އަހަރުވެފައިވާ ކަމަށެވެ.
"އެކަންކަމަށް ލަނގޮޑިއަށް ކެތްނުކުރެވިގެންނޭ އިނގޭތޯ އެހީތެރިވެދެނީ. ނިކަމެތި ހާލުގައި މީހުން މަރުވަމުންދާ މަންޒަރު ފެންނަމުން ދާތީ،" ގާސިމް ވިދާޅުވި އެވެ. "އެހެން ނަމަވެސް މިހާރު އަޅުގަނޑު ބެލި ބެލުމުން އެނގުނީ ސާމާނުކަން ނެތީ. އެކަންކަން ފެސިލިޓޭޓްކޮށްދެވިފައިކަން ނެތީ."
ގާސިމް އަދި ވިދާޅުވީ ލ. އަތޮޅުގައި ހޮސްޕިޓަލެއް ހެދުމަށް ސަރުކާރުގައި ވެސް އޭނާ ދެންނެވި ކަމަށާއި އެހެން ނަމަވެސް އެކަމަށް ސަރުކާރުން ހުއްދަ ނުދިން ކަމަށެވެ.
"މީގެ ސޯޅަ ސަތާރަ އަހަރު ކުރިން ލ. އަތޮޅުގައި ހޮސްޕިޓަލެއް ހެދުމަށް އަޅުގަނޑަށް ފުރުސަތު ދިނުމަށް އަޅުގަނޑު އެދުނިން. އެހެން ނަމަވެސް އެފުރުސަތު ވެސް ހުޅުވާލާކަށް ސަރުކާރަކަށް ނުކެރުނު. ސަރުކާރުން ވިދާޅުވީ ނޫނެކޭ ނުދެވޭނޭ ހުއްދައެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ނުދެވި އޮތީ ސަރުކާރުން އެކަންކަން ކޮށްދެއްވަން ބޭނުންނުވާތީ ކަމަށާއި ސަރުކާރު ފޭލިވެފައިވާތީ ކަމަށެވެ.
ރޭގެ ޖަލްސާގައި އައްޑު އަތޮޅަށް އުފަން ޑރ. ހުސެން އަފީފު ވެސް ސަރުކާރުގެ ސިއްހީ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އައްޑު އާއި ފުވައްމުލަކުގައި ކެމްޕޭން ކުރެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު މި ދެ އަތޮޅަށް ކުރި ދަތުރުތަކަށް ފަހު ޖުމްހޫރީ ޕާޓީގެ ޓީމު ވަނީ ރޭ މާލެ ގޮސްފަ އެވެ.
ރިޔާސީ އިންތިހާބު 2008: ސިއްހީ ދާއިރާގެ ތަރައްގީއަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ