އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށް ބުނެ އަމިއްލަ މީހަކު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރި ދައުވާއެއްގެ މައްސަލަ ސުޕްރީމް ކޯޓުން ރޭ ފަށައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު، އަންނިގެ މައްޗަށް ކުރެއްވި ދައުވާގައި ބުނަނީ އަންނި އަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށާއި އަންނި އަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ ބޭފުޅެއް ކަމަށެވެ.
ރޭ އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހެޅުމުގެ ފުރުސަތު މޫސާ އަންވަރަށް ދެއްވުމުން އޭނާ ފުރަތަމަ ވިދާޅުވީ ކޯޓް އިޖްރާއަތާ ބެހޭ ގޮތުން ބައެއް ވާހަކަތައް ދައްކަވަން ބޭނުންވާ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ ފުރުސަތު ނުދެއްވައި ދައުވާ ތަފުސީލު ކުރުމަށް އެދިވަޑައިގަތުމުން އަންވަރު ވިދާޅުވީ އަންނި އަކީ ގާނޫނު އަސާސީ ބުނާ ޝަތުރު ފުރިހަމަވާ ބޭފުޅެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބަލައިގަތް ބަލައިގަތުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.
އޭނާ ވިދާޅުވީ 8 ނޮވެމްބަރު 2001 ގައި ޖިނާއީ ކޯޓުން އަންނިގެ މައްޗަށް ވައްކަމުގެ ހުކުމެއް ސާބިތުވެފައިވާ ކަމަށާއި ވައްކަމަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކަމަށެވެ.
"އިންތިހާބަށް ކުރިމަތިލުމުގެ ގާނޫނީ ޝަރުތު ހަމަނުވާ ބޭފުޅެއްގެ ނަން ގަބޫލުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މޫސާ އަންވަރު ވިދާޅުވި އެވެ. މީގެ އިތުރުން، މި މައްސަލަ ބައްލަވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ޖިނާއީ ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ އަރީފު އިންނެވުމަކީ އެތިކަލް މައްސަލައެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުން އުއްތަމަ ފަނޑިޔާރު ވަނީ ވަގުތުން އެކަން މަނާކުރައްވައި އެ ވާހަކަ ހުއްޓަވައިލެއްވުމަށް އަމުރުކުރައްވައިފަ އެވެ.
މި ދައުވާއަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން މުހައްމަދު އިބުރާހީމް ވިދާޅުވީ 17 ސެޕްޓެމްބަރު 2008 ގައި އަންނި އަށް ޖިނާއީ ކޯޓުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އަންނި އަކީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ބޭފުޅެއްގެ ގޮތުގައި ބަލައިގަތީ އެ ސިޓީގައިވާ ކަންތައްތަކަށް ބައްލަވައިގެން ކަމަށެވެ.
"އެ ސިޓީގައި އޮވޭ ނަޝީދުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ކަމަށް. ނަމަވެސް ހަމަ އެސިޓީގައި އޮވޭ ހައްދު ގާއިމުކުރަންޖެހޭ ކުށެއް ސާބިތުވެފައިނުވާ ކަމަށް. އަދި މަކަރާއި ހީލަތާއި ޓެކުމާއި ހިޔާނާތުގެ ކުށެއް ސާބިތުވެފައިނުވާ ކަމަށް،" މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އަންވަރުގެ ދައުވާއަކީ ކުރެއެވޭނެ ދައުވާއެއް ވެސް ނޫން ކަމަށާއި އަންވަރުގެ ނިޔަތަކީ ރިޔާސީ އިންތިހާބު ބާއްވަން އޮތް ތާރީހަށް ބޭއްވިޔަނުދީ ޖެއްސުންކުރުން ކަމަށެވެ. އެހެންވެ މި މައްސަލަ ބާތިލު ކޮށްދެއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
މި މައްސަލައިގައި އަންނިގެ ފަރާތުން ވާހަކަ ދައްކަވާ ގާނޫނީ ވަކީލު އަހުމަދު މުރާދު ވިދާޅުވީ އަންނި އަކީ ދުވަހަކު ވެސް ވައްކަމެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އެކަމަކު އޭނާގެ މައްޗަށް ޖިނާއީ ކޯޓުން ހުކުމެއް ކޮށްފައިވާ ކަމަށެވެ. އެއީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އިސްލާމް ދީނުގައި ވައްކަން މާނަކުރާ ގޮތާއި ގާނޫނުލް އުގޫބާތުގައި ވައްކަން މާނަކުރާ ގޮތް ވެސް ތަފާތު ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތު އަންނި ކިބައިގައި ހަމަނުވާ ކަމަށް ބުނެ މީހަކު ކުރި ދައުވާގެ ޝަރީއަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ