އާފަތިހުގެ ކުރީގެ އެޑިޓަރު މަނަދޫ އަބްދުއްސައްތާރު އަވަހާރަވެއްޖެ

ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކޮށްދެއްވި އާފަތިހުގެ ކުރީގެ އެޑިޓަރު މަނަދޫ އަބްދުއްސައްތާރު އަބޫބަކުރު ރޭ އަވަހާރަވެއްޖެ އެވެ.
ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމާއި ރަން ގަލަން ލިބިވަޑައިގެންފައިވާ ސައްތާރު، ،58 އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި ރޭ އިރާކޮޅެވެ. ސައްތާރު އަވަހާރަވި އިރު އަށް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.
ސައްތާރު ވަނީ އާފަތިހުގެ އެޑިޓަރުކަން 19 އަހަރުވަންދެން ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ "މިއަދު" ނޫހުގައި ވެސް ވަޒީފާ އަދާކުރެއްވި އެވެ.
ސައްތާރުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި، ސައްތާރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ޓަކައި އިންޑިއާ އަށް ވަޑައިގެން ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަސް ހޭދަކުރެއްވީ އެ ތާނގަ އެވެ. އަވަހާރަވިއިރު އޮންނެވީ ކޯމާއެއްގައި ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ސައްތާރަކީ "އިރުވަރު" ނަމުގައި އިންފޮމޭޝަން މިނިސްޓްރީގައި ވަރަށް ފަހުން ރަޖިސްޓްރީކޮށްފައިވާ ނޫހަކާއި މިހާރު ވެސް ނުކުންނަމުން އަންނަ މަޖައްލާއެއް ކަމަށްވާ "ދުއްލިސާ"ގެ ވެސް އެޑިޓަރެވެ.
ސައްތާރު އެންމެ ފަހުން ނޫސްވެރިކަމުގެ ރޮނގުން ބައިވެރިވެ ވަޑައިގެންނެވީ މީގެ ހައެއްކަ މަސް ދުވަސް ކުރިން އިންފޮމޭޝަން މިނިސްޓްރީން ބޭއްވެވި، ނޫސްވެރިކަމުގެ ގާނޫނުތަކަށް ނޫސްވެރިންގެ ހިޔާލު ހޯއްދެވުމުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވަރަށް ހަރަކާތްތެރިކޮށް އޭނާ އުޅުއްވިތަން ފެނުނެވެ.
"ސައްތާރަކީ ހުރިހާ އުމުރަކާ ވެސް ގުޅޭ، ހިތްޕުޅު ހެޔޮ، ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް،" އާފަތިހުގައި ކުރިން މަސައްކަތްކުރި ހަވީރުގެ ސީނިއާ ޖާނަލިސްޓަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ