ސިއްހީ ދާއިރާގެ މުވައްޒަފުން އޯވަޓައިމްގެ ގޮތުގައި ނާޖާއިޒު ފައިދާ ނެގުން ވަނީ ހައްދުން ނެއްޓިފައި: މިނިސްޓަރު

ސަރުކާރުގެ ސިއްހީ ދާއިރާގައި ހިމެނޭ ސަރަހައްދީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ހޯދުމުގައި ނާޖާއިޒު ފައިދާ ނެގުން ހައްދުން ނެއްޓިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޑރ. އައިމިނަތު ޖަމީލު ވިދާޅުވީ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ހޯދުމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އަދި އިތުރު ވަގުތުގެ ފައިސާ ދިނުމަށް އޮންނަ ފުރުސަތުގެ ތެރެއިން ބައެއް މީހުން ވަރަށް ބޮޑަށް ނާޖާއިޒު ފައިދާ ހޯދަމުންދާ ކަމަށާއި އެ ކަންތައް ހުއްޓުވުމަށް ފިޔަވަޅު އަޅަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"....މުވައްޒަފުންނަށް ދެވޭ މުސާރަ އާއި އިނާޔަތްތައް ވަރަށް ބޮޑަށް މައްޗަށް އަރައިގެން ގޮސްފައިވޭ. މިކަން ކޮންޓްރޯލްކުރުމަށް އަޅުގަނޑުމެން މިހާރު ވަނީ ބައެއް ފިޔަވަޅު އަޅަން ފެށިފައި. އެއީ އޯވާޓައިމް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ވަރަށް ބޮޑަށް ހައްދުން ނެއްޓިފައިވާ ކަމެއް އޯވާޓައިމް ކްލެއިމްކުރުން. މުސާރަ ގާތްގަނޑަކަށް 7000ރ. ލިބޭ މީހަކަށް 15ހާހާއި 19ހާހާ ދޭތެރޭގައި ވެސް އެބަހުރި އޯވާޓައިމް ނަގާފައި. .... ބަންދު ދުވަހާއި އެހެނިހެން ގަޑިތަކުގައި ވެސް އިތުރަށް ފުރާ ކޮންމެ ގަޑިއަކަށް ކްލޭމްކުރެވޭނެ ގޮތް ހުރޭ. އެހެންވީމާ، މި ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުގައި ކުރާ ކަންތައްތައް މިހާރު މޮނިޓާކުރަމުން މިދަނީ."
މިނިސްޓަރު ވިދާޅުވީ އިތުރު ގަޑީގެ ފައިސާގެ ކަންތައް ކޮންޓްރޯލުކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް، ކޮންމެހެން ކުރަންޖެހޭ ކަންތަކަށް މުވައްޒަފުން ނެރެގެން ކުރާ މަސައްކަތަށް އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާގައި ތިބި ބިދޭސީ މުވައްޒަފުން މަދުކޮށް ދިވެހީން އެ މަގާމުތަކަށް ހަމަޖައްސަން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. ދިވެހީންނާއި ބިދޭސީންނާ ދެމެދު މުސާރަ އާއި އިނާޔަތްތަކުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުރުމުން، ބިދޭސީން ތިބި މަގާމުތަކަށް ދިވެހީން ހަމަޖެހުމުން ވަރަށް ބޮޑަށް ހައްލެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީ ސަރަހައްދީ ހޮސްޕިޓަލާއި އެ އަތޮޅުގެ 12 ސިއްހީ މަރުކަޒާއި ތިން ހެލްތު ޕޯސްޓުގެ މުވައްޒަފުންގެ މި އަހަރުގެ މުސާރަ އަށް ވާ ފައިސާގެ ތެރެއިން 28.7 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީގެ ބަޖެޓުން އުނިކޮށްފައިވާތީ، އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް މި އަހަރު ހަމަޖައްސާނީ ކިހިނެއްތީ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ ފައިސާ ލިބޭނެ ކަމަށް ފިނޭންސުން ބުނެފައިވާތީ އެ ކަމާ ކަންބޮޑުނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މުސާރައިން ބައެއް އުނިވެފައިވާތީ އެ ކަމާ ބެހޭ ގޮތުން، ހުސްވި ޖެނުއަރީ 25 ގައި ހދ. ސަރަހައްދީ ހޮސްޕިޓަލުން ފޮނުވި ސިޓީއާ ގުޅިގެން، ފިނޭންސް މިނިސްޓްރީއާ އެކު އެ ކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކޮންމެ މަހެއްގެ ވެސް މުސާރަ ދިނުމަށް ވަގުތު އޮއްވައި އެ ކަމަށް އެދި ފިނޭންސަށް ހުށަހެޅުމުން މުސާރަ ހަމަޖެހިގެންދާނެ ކަން އެ ހޮސްޕިޓަލަށާއި ސިއްހީ މަރުކަޒުތަކަށް އަންގާފައިވާނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ މުސާރަ އުނިވުމުގެ މައްސަލަ ދިމާވެފައިވަނީ ކޮން އަތޮޅުތަކެއްގެ ސިއްހީ ދާއިރާތަކަށް ކަމެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަޖެޓްގައި ޖެހި ޖުމްލަ މިންވަރު ލިބިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ