ރައްޔިތުންގެ މަޖިލީހުގެ މ. މެމްބަރު އަހުމަދު ނާޒިމްގެ އޮފީހަށް ފުލުހުން ރޭ ވަދެ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި އެވެ. ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ ކޯޓް އަމުރަކާ އެކު އެވެ. 
މިދިޔަ އާންމު އިންތިހާބުގައި މ. ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއޭގެ ނާއިބު ރައީސް، އަދި ބުރާސްފަތި ދުވަހު ހުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަކަށް ހަމަޖެއްސުމަށް ޑީއާރުޕީން ނިންމާފައިވާ ނާޒިމްގެ އަމިއްލަ އޮފީސް، ނަމިރާ އިންޖިނިއަރިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށް ފުލުހުން ވަދެ ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިވެހި ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުން ހައްޔަރު ކުރާނެ ކަމަށް އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ. 
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި ބައެއް ބޭފުޅުން ކުޑަ ހިނދުކޮޅަކަށް ނުވަތަ ކުޑަ މުއްދަތަކަށް ބަންދުކުރަން ޖެހޭނެ ކަމަށެވެ. 
ގ. އާބިންގައި ހުންނަ ނަމީރާ އިންޖިނީއަރިންގެ އިތުރަށް ރޭ ދަންވަރު  1.20 ހާކަންހާއިރު ފުލުހުން ވަނީ ނާޒިމުގެ ހަގު އަނބިކަބަލުން ދިރިއުޅޭ ގެ އަށް ވަދެ އޭނާގެ ހަގު އަނބި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 
ނާޒިމުގެ އަނބިކަނބަލުންގެ އާއިލާގެ މެންބަރަކު މިއަދު ހަވީރަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ޔުނީފޯމުގައި ތިބި ދެ އަންހެނަކާއި އާދައިގެ ޔުނީފޯމްގައި ތިބި ތިން ފިރިހެނަކު ދަންވަރު ގަޑީގައި އައިސް ދޮރުގައި ތަޅައި އަމަލުތައް ބެހެއްޓި ގޮތުން ނާޒިމުގެ އަނބިކަބަނލުންގެ ކުދިންނަށް ވަނީ ނަފުސާނީ ގޮތުން އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އަދި އޭނާ މިއަދު ބުނީ ނާޒިމުގެ އަނބިކަނބަލުން ފުލުސް އޮފީހުގައި މިއަދު ބައިންދާފައި އިނީ ދެ އަތުގައި ބިޑި އަޅުވާފައި ކަމަށެވެ. 
ރޭ ނުވައެއް ޖަހަން އުޅެނިކޮށް ނާޒިމްގެ އޮފީހަށް ފުލުހުން ވަދެ ގެންގޮސްފައި ވަނީ ލެޕްޓޮޕަކާއި ސީޕީޔޫ އަކާއި ދެ ހާޑް ޑިސްކް އަދި އެ އޮފީހުގެ މުވައްޒަފުންގެ ލިސްޓެކެވެ. އެ އޮފީސް ފާސްކޮށް ބައެއް ތަކެތި ފުލުހުން ގެންދިޔައިރު ނާޒިމް ރާއްޖޭގައި ނޫޅުއްވަ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ނާޒިމް މި ވަގުތު ވަޑައިގެންވީ މެލޭޝިޔާގަ އެވެ. 
ޖިނާއީ ކޯޓުން ރޭ އިރުއޮއްސި  00: 6 ގައި ނެރެފައިވާ ކޯޓު އަމުރަކަށް ނާޒިމްގެ އޮފީހަށް ފުލުހުން ވަދެ އެ އޮފީހުގެ ބައެއް ޑޮކިއުމަންޓްތައް ހާވައި ހަދާފައިވެ އެވެ. އަދި ނާޒިމް އިންނަވާ އޮފީސް ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން އެ ކޮޓަރިއަށް ފުލުހުން ވަދެފައިވަނީ ދޮރު ހަލާކުކޮށްލައިގެންނެވެ. 
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ފުލުސް އޮފީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އޮޑިޓް ރިޕޯޓްތަކުގައިވާ ޖިނާއީ ކުށްތައް މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ. އަދި ކޯޓު އަމުރަކަށް ރޭ ތަނެއް ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމިރާ އޮފީހަށް ވަދެ ފުލުހުން އެ ތަން ފާސްކުރި މައްސަލައާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އަދި ނުބުނެ އެވެ. 
ނަމިރާ އޮފީހަށް ވަދެ ފާސްކުރުމަށް ޖިނާއީ ކޯޓުން ނެރެފައިވާ އަމުރުގައި، އެ އޮފީސް ފާސްކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ނަމިރާ އޮފީހުގެ ފަރާތުން އިތުރު ކުންފުނިތަކެއްގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ހަދައި، މަކަރާއި ހީލަތުން ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ޓެންޑަ ކޮށްފައިވާ ޕްރޮޖެކްޓްތަކުގެ މައްސަލަ ބެލުމަށް ކަމަށެވެ. 
އަށް ގަޑިއިރު ވަންދެން ނަމިރާ އޮފީސް ބަލައި ފާސްކުރުމަށް ނެރެފައިވާ މި ކޯޓު އަމުރުގައި، ބަލައި ފާސްކުރަން ޖެހޭ ސަބަބާ އެކު އެކަމާ ގުޅޭ ގޮތުން ލިބިފައިވާ ހެއްކާއި ގަރީނާ ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުރީގެ އެޓޮލްސް މިނިސްޓްރީން ޓެންޑަ ކުރާ ޕްރޮޖެކްޓްތަކަށް ނަމިރާ އިން ކުރިމަތިލާ އިރު ހަގީގަތާ ހިލާފު ލިޔުންތައް ހުށަހަޅާ ކަމަށާއި މި ލިޔުންތައް އެކި ކުންފުނީގެ ނަމުގައި ތައްޔާރު ކުރަނީ ނަމިރާގެ މުވައްޒަފުން ކަމަށް އެތަނުގައި ކުރިން މަސައްކަތް ކުރި ދެ މުވައްޒަފަކު ބުނެފައިވުން ހިމެނެ އެވެ. އަދި މި ގޮތަށް ހަދާފައިވާ ބައެއް ލިޔުންތަކަކީ ސައްހަ ނޫން ނަންނަމުގައި ހަދާފައިވާ ލިޔުންތައް ކަމަށާއި މީގެ ތެރެއިން ބައެއް ލިޔުންތައް ރައްކާކޮށްފައިވާ ކޮމްޕިއުޓަރެއް ނަމިރާ އޮފީސް އިމާރާތުގައި ހުންނާނެ ކަމަށް ކުރީގެ ދެ މުވައްޒަފުން ބުނެފައިވާ ބުނުން ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
    
    މ. މެމްބަރު ނާޒިމްގެ އޮފީހަށް ފުލުހުން ވަދެ ފާސްކޮށް، ބައެއް ތަކެތި ގެންގޮސްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            