ބައި އިލެކްޝަން ކާމިޔާބު ކުރުމާއި ގުޅިގެން މައުމޫން މަރުހަބާ ވިދާޅުވެއްޖެ

ހއ.މުރައިދޫ ބައި އިލެކްޝަން ސަރުކާރު ކޯލިޝަންގެ ޕީޕީއެމް ކެންޑިޑޭޓު އަބްދުﷲ މުފީދު ކާމިޔާބު ކުރުމާއި ގުޅިގެން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މުރައިދޫ ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި މުފީދަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ހއ.މުރައިދޫ ބައި އިލެކްޝަން މުފީދު ކާމިޔާބުކުރީ 208 ވޯޓުންނެވެ. މުފީދާ އެންމެ ގާތުން ވާދަކުރީ އަމިއްލަ ގޮތުން މި އިންތިހާބުގައި ވާދަކުރި މުހައްމަދު ފުއާދުއެވެ. އޭނާއަށް ލިބުނީ 143 ވޯޓެވެ. ތިންވަނަ ލިބުނު އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވިސާމާއަށް ލިބުނީ 107 ވޯޓެވެ.
މުރައިދޫގެ އިތުރުން އިއްޔެ ބޭއްވި ދ އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހުއެވެ. އޭނާ މި ބައި އިލެކްޝަން ކާމިޔާބުކުރީ 997 ވޯޓާއެކުގައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސާލިމް އަލް ސޮބާހުއަށް ލިބުނީ 638 ވޯޓެވެ.
ހޮނިހިރު ދުވަހު ބޭއްވި ދެދާއިރާއެއްގެ ކައުންސިލް ބައިއިލެކްޝަން ގައި ސަރުކާރު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ހަވާ އަރުވަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ