ތުޅާދޫ އިންޖީނުގެ ޕެނަލް ބޯޑަށް ފިނިކުރަން ސްޓޭންޑް ފަންކާއެއް

ބ. ތުޅާދޫ ފެނަކަ އިންޖީނު ގޭގެ ޕެނަލް ބޯޑަށް ފިނިކުރަން ސްޓޭންޑް ފަންކާއެއް ބަހައްޓާފައި ހުއްޓަ ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އިން ފެންނަނީ ޕެނަލް ބޯޑަށް ފިނިކުރަން ސްޓޭންޑް ފަންކާއެއް ބަހައްޓާފައި ހުއްޓައެވެ.
އެކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް ފެނަކައިގެ އޮފިޝަލަކަށް ކުރި މެސަޖު އެ ފަރާތަށް ލިބިފައިވީ ނަމަވެސް ޖަވާބު ދީފައިނުވެއެވެ.
އިތުބާރު ހުރި މަސްދަރަކުންވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ.
"އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން ކަރަންޓު ބިލު ދައްކަން ގޮސް އުޅެނިކޮށް އެ މަންޒަރު ދުށިން. އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އެ ފެނަކައިގެ ބޭފުޅުން ޖަވާބެއް ނުދޭ." ތުޅާދޫން ވީއެފްޕީއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ސޯޝަލް މީޑިއާގައި އެ ފޮޓޯ ދައުރުވާން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ވީއެފްޕީއާއި ވާހަކަ ދެއްކި ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ފޮޓޯއިން ފެންނަ މަންޒަރަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި ކަމެކެވެ.
"ޕެނަލް ބޯޑުގެ ބަސްބާ އެއިނީ ފެންނަން މިއީ މަތި އަޅާ ކަވަރުކޮށްފައި ހުންނަން ޖެހޭ ތަނެއް. ޕެނަލް ބޯޑު ހުންނަ ތަން ހުންނަން ޖެހޭނީ އޭސީކޮށް ވަކި ފިނިހޫނު މިނެއްގައި ބަހައްޓާފައި. އެ ފިނިހޫނުމިން ހިފަހައްޓަން ފަންކާއެއް ބެހެއްޓުމަކީ ވެސް ނުރައްކާތެރި ކަމެއް. މިއީ ވަރަށް ފަރުވާ ކުޑަ އަމަލެއް. އެތަނުގައި މަސައްކަތް ކުރާ މީހުން އަދި ވަދެ އުޅޭ މީހުންގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމެއް،" ވީއެފްޕީއާއި ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ