މެމްބަރުންގެ އަދަދު ހަމަނުވާ 10 ސިޔާސީ ޕާޓީއެއް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފި އެވެ.
އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އެދިފައިވާ މަދުވެގެން 10000 މީހުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް އޮތްއޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަކުން މީގެކުރިން ބާތިލްކޮށްފައިވާ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށެންދެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އެދި ހުށަހަޅަން ޖެހޭނީ 3000 ސޮއި ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން ކަނޑައަޅާފައިވުމުން 10000 މެމްބަރުން ހަމަނުވުމުގެ ސަބަބުން އެއްވެސް ޕާޓީއެއް އުވިގެން ނުދާނެކަމަށް ބުނެފައިވާނެ ކަމަށެވެ.
އެހެންކަމުން 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދަށް މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެންގެވި އެންގުމަކީ ސުޕްރީމް ކޯޓުގެ އަމުރާއި ހިލާފަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމުމެއް ކަމަށްވާތީ، އެ ނިންމެވުމަކީ ބާތިލް އަދި އެއަށް އަމަލުނުކުރެވޭނެ ނިންމުމެއްކަމަށް އިލެކްޝަންސް ކޮމިޝަނަށާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކުރާކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 10،000 މެމްބަރުން ހަމަނުވާތީ އުވާލާން ނިންމާފައިވާ ޕާޓީ ތަކަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި، ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއާއި، މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް ޕާޓީއާއި، ޕީޕަލްސް އެލަޔަންސްއާއި، ޕީޕަލްސް ޕާޓީގެ އިތުރުން ދިވެހި ގައުމީ ޕާޓީއާއި، ސޯޝަލް ލިބަރަލް ޕާޓީއާއި މޯލްޑިވިއަން ލޭބާ ޕާޓީ އާއި، މޯލްޑިވްސް ރިފޯމް މޫވްމަންޓާއި އަދި ގައުމީ އިއްތިހާދު ޕާޓީ އެވެ.
މިޕާޓީތައް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމިކަން އިއުލާނު ކުރީ މިމަހުގެ ހަވަނަ ދުވަހުއެވެ. ކޮމިޝަނުން އެދުވަހު ބުނީ ޕާޓީތައް އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އުވާލާނެ ކަމަށެވެ.
ޕާޓީތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ