ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބަލަމުންދާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްސަލައަކަށް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރަމުންދާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އީޔޫ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރުމަކީ އެކޮމިޝަނުގެ މުސްތަގިއްލުކަމަށް އަސަރުކުރާނެ ކަމެއް ކަމަށާއި، އަދި ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައާއި ގުޅިގެން އެޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރުމަކީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮންނަ އޮތުމާއި، މުއައްސަސާތަކުގެ މުސްތަގިއްލު ކަމާއި ހިޔާލުފާޅުކުރުމުގެ ހައްގުގެ މިނިވަންކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.
ޝަރުއީ ދާއިރާއަށް އީޔޫ އިން އިހްތިރާމް ކުރާކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ޝަރީއަތްތައް ކުރިއަށް ގެންދަންވާނީ ހާމަކަން ބޮޑު ގޮތެއްގައި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބު ތަކަކީ އިންސާފުވެރި ހާމަކަން ބޮޑު އިންތިހާބު ތަކެއް ކަމަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އީޔޫގެ ބަޔާނުގައި ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ސަރުކާރުން ކަށަވަރުކޮށްދިނުމަށް ގޮވާލާފަ އެވެ.
ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މައްސަލަ ބަލައި ކޮމިޝަނުގެ މެންބަރުން ކޯޓަށް ހާޒިރުކުރަމުން ގެންދަނީ ދާދިފަހުން ސުޕްރީމް ކޯޓުން އެކުލަވާލި ސޫމޯޓޯ ގަވައިދުގެ ދަށުންނެވެ.
މިމައްސަލައިގެ ތިން އަޑުއެހުމެއް މިހާތަނަށް ކޯޓުގައި ތާވަލްކޮށްފައިވެ އެވެ. އަދި މިހާތަނަށް ބޭއްވުނު އަޑުއެހުންތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ.
ސުޕްރީމް ކޯޓަށް އިލެކްޝަން ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް އަޑުއެހުންތަކެއް ކުރިއަށް މިގެންދަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިއުސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓްވާ ގޮތަށް ވާހަކަދައްކާފައިވާތީ އެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިއުމާއި ގުޅިގެން ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނާތީ ކަމަށް ވެސް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ފޮނުވި އަމުރުގައި ބުނެފައިވެ އެވެ.
އީސީގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރާތީ އީޔޫ ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ