އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އެމްޑީޕީގެ ޕްރައިމަރީގައި ނާކާމިޔާބުވި ފޭދޫ ދާއިރާގެ މިހާރުގެ މެންބަރު އަލްހާން ފަހްމީ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވި އަލްހާންގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ އަލްހާންގެ ފަރާތްޕުޅުން ކޯޓަށް މައްސަލަ ހުށަހަޅާފައިވާނީ އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރުމަށާއި، ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް ކަމަށެވެ.
"ޕްރައިމަރީ ހިނގަމުން ދަނިކޮށާއި އަދި ޕްރައިމަރީ ނިމި ނަތީޖާ އިއުލާންކުރުމުގެ ކުރިން ވެސް އަލްހާން ވާނީ އެމްޑީޕީގެ ކަމާއި ގުޅުންހުރި ގުނަންތަކަށް ޕްރައިމަރީގައި ފާހަގަވި މައްސަލަތައް ހުށަހަޅާފައި. ނަމަވެސް އެއިން އެއްވެސް ކަމަކަށް އިންސާފުވެރި ނިންމުމެއް ނުނިމި ވަކި ބޭފުޅަކަށް ޓިކެޓް ހަވާލުކުރީމާ އިންސާފު ހޯދުމަށް މައްސަލަ ކޯޓަށް ވެއްދީ" އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީގައި މުހައްމަދު ނިހާދަށް 316 ވޯޓް ލިބިވަޑައިގެންފައިވާއިރު އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
ޕްރައިމަރީގެ މައްސަލަތައް އެމްޑީޕީގެ ކަމާއި ގުޅުންހުރި ކޮމިޓީ ތަކަށް އަލްހާން ހުށަހެޅުއްވުމުން ޕްރައިމަރީ ބާތިލްކުރަންޖެހިދާނެ ކަމަށް ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން އެމްޑީޕީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން ޕްރައިމަރީ ބާތިލްނުކުރަން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައި ނުވާ ކަމަށް ބުނުމަށްފަހު އެވެ.
އަލްހާންގެ ގަޔަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އަލްހާން މިވަގުތު އޮތީ ލަންކާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނީ އަލްހާންގެ ހާލު ރަގަޅުވަމުން އަންނަ ކަމަށެވެ.
ފޭދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކޮށްދިނުމަށް އަލްހާން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އޭނާ ގެންދަވަނީ ފޭދޫ ދާއިރާގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރަން ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ