ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފް ސަސްޕެންޑްކުރި މައްސަލަ ސިވިލް ކޯޓުން ދެ ވަނަ ފަހަރަށް ބޭރުކޮށްފައިފިއެވެ.
ސިވިލް ކޯޓުގެ މީޑިއާ އޮފިސަލް ވިދާޅުވީ ސިވިލް ކޯޓުގައި މިއަދު 10 ޖެހިއިރު ތާވަލް ކޮށްފައިވާ އެމައްސަލަ ސިވިލް ކޯޓުން ބާތިލުކޮށްފައިވަނީ ތާވަލުކޮށްފައިވާ ގަޑިއަށް ދައުވާ ކުރި ފަރާތުން ހާޒިރުނުވެގެން ކަމަށެވެ. ޝަރީފުގެ ފަރާތުން އެމައްސަލާގައި ވަކާލާތު ކުރައްވަނީ ސުއޫދު އެންޑް އަންވަރު ކޯއިންނެވެ.
ޝަރީފު ކޯޓަށް ހުށަހެޅި މައްސަލާގައި ދެވަނަ ފަހަރަށް ބާތިލުކޮށްފައިވާ އިރު އެމައްސަލަ ފުރަތަމަ ފަހަރު އަދި ދެވަނަ ފަހަރު ކޯޓަށް ހުށަހެޅިއިރުވެސް ސިވިލް ކޯޓުން ވަނީ އެމައްސަލައާއި ގުޅިގެން ޝަރީފުގެ މައްޗަށް އިތުރު ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.
ހައިކޯޓުގެ އިސްފަނޑިޔާރުގެ ފަރާތުން އެމައްސަލާގައި ސުއޫދު އެންޑް އަންވަރު ކޯ ލޯފާމުން ބުނީ އެ މައްސަލާގައި މިއަދު ކޯޓަށް ހާޒިރުވުމަށް ޗިޓް ލިބިފައިނުވާ ކަމަށާއި އެކަންތައްތައް ބަލަމުން ގެންދާ ކަމަށެވެ. އަދި ހަމަ މިއަދު އެމައްސަލަ އަލުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ފާމުން ބުނެއެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފު ސަސްޕެންޑްކޮށްފައިވަނީ މީގެ އެއްއަހަރު ކުރިން އެކޯޓުގެ ހަތް ފަނޑިޔާރަކު ސޮއިކޮށް ހުށަހެޅި މައްސަލައަކައި ގުޅިގެންނެވެ. ސަސްޕެންޑް ކުރި އިރު ޝަރީފު ގެންދެވީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއް ވެސް ބައްލަވަމުންނެވެ. އެމައްސަލައާއި ގުޅިގެން ޖެއެސްސީއަށް ވަރަށް ބޮޑެތި ފާޑު ކިއުންތަކެއް އަމާޒުވެފައިވެއެވެ.
ޝަރީފުގެ ގާނޫނީ ވަކީލު ވެސްވަނީ ޝަރީފުގެ ސަސްޕެންޝަނަކީ ސިޔާސީ ކަމެއް ކަމަށް ސިފަ ކުރައްވާފައެވެ.
އިސް ފަނޑިޔާރު ޝަރީފުގެ މައްސަލަ ދެ ވަނަ ފަހަރަށް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ