ހޫނު ގަދަވެ ދުނިޔޭގެ އެންމެ ބޮޑު ފަރު އެހެންޏާ ނުވާ ވަރަށް "ބްލީޗް" ވާން ފަށައިފި

ދުނިޔޭގެ ހޫނުމިން މަތިވަމުން އައުމާ ގުޅިގެން އޮސްޓްރޭލިއާގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ "ގްރޭޓް ބެރިއާ ރީފް"ގެ މުރަކަތައް ދުވަހަކުވެސް ނުވާ ވަރަށް ބްލީޗްވާން ނުވަތަ ގާހުދުވާން ފަށައިފި އެވެ.
"ކޮރަލް ބްލީޗިން" އަކީ މުރަކަތަކުން އިންޓްރާ ސިމްބިއޮންޓްސް ގެއްލުން ނުވަތަ އަލްގަލް ޕިގްމެންޓް މަދުވާން ފެށުމެވެ. ކޮރަލް ބްލީޗުވުމުގެ ސަބަބުން އޭގެ ޓިޝޫތައް ހުސްވެ މުޅި މުރަކަ ހުދުވާން މެދުވެރިވެއެވެ. ނަތީޖާއަކަށް ވަނީ މުރަކައިގެ އާބާދީ ކުޑަވެ ރީޕްރޮޑިއުސް ކުރުން ހުއްޓެއެވެ. ވަކި ވަރަކަށްވުރެ ބްލީޗިން ބޮޑު ވެއްޖެ ނަމަ މުރަކަތައް މަރުވުމަށް މެދުވެރި ވެއެވެ.
އޮސްޓްރޭލިއާގެ އެންވަޔަރަމެންޓް މިނިސްޓްރީ އިން އެ މައްސަލައާ ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ. އެންވަޔަރަންމެންޓް މިނިސްޓަރު ގްރެގް ހަންޓް އިއްޔެ ވިދާޅުވީ އެ މައްސަލައަކީ އެންމެ ބޮޑު ޕްރަޔޯރިޓީއެއް ދީގެން ބަލަމުންދާ މަސައްކަތެއް ކަމަށެވެ.
އޭނާ ވަނީ ވޯލްޑް ހެރިޓޭޖްގެ ގޮތުގައި މާކުކޮށްފައިވާ އެ ފަރަށް ދާދި ފަހުން ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ބްލީޗުވާން ފަށާފައިވާ ވަރު ވަރަށް ބޮޑު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ފަރުގެ 344،400 ސްކުއެއާ ކިލޯމީޓަރުގެ ތެރެއިން ބޮޑުބައެއް އަދިވެސް އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ. އެގޮތުން ސަކަރާތް ވެފައިވާ ސަރަހައްދު ވަނީ ހުދުކުލައާއި އަޅިކުލައިގެ މުރަކަތަކަށް ވާން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ