އުއްމީދަކީ ކަރަންޓް ބިލުން އެންމެ ރުފިޔާއެއްވެސް އަގުބޮޑު ނުވުން - ނިހާން

ސަރުކާރުން ކަރަންޓުގެ އަގަށް ބަދަލު ގެނައުމަށް ނިންމެވުމާއެކު އެންމެ ބޮޑު އުއްމީދަކީ މީގެކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި 'ސަބްސިޑީ' ދެއްވަމުން ގެންދިވި އިރަށްވުރެންވެސް ސަބްސިޑީއާއި ނުލާ ކަރަންޓުގެ އަގުތަށް ކުޑަވެގެން ދިޔުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނިހާން އިތުރަށް ވިދާޅުވީ އުއްމީދުކުރެވެނީ ހަމައެކަނި ކަރަންޓް ބިލު ނުވަތަ ފެން ބިލަށް ދައްކަންޖެހޭ ފައިސާ މަދުވުން އެކަނި ނޫންކަމަށާއި، ބޭނުންފުޅުވަނީ ޖުމްލަ ގޮތެއްގައި ހުރިހާ އެއްޗެއްގެވެސް އަގު ހެޔޮވެގެން ދިޔުން ކަމަށެވެ.
އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
މީގެ ކުރިން ސަރުކާރުން ކަރަންޓުގެ އަގަށް ގެނައި ބަދަލާއެކު ކަރަންޓް ބިލު ބޮޑުވެގެން ދިޔަ ނަމަވެސް މިއަދު ގެނެވުނު ބަދަލާއެކު އެ އަގު އިހުނަށްވުރެން ކުޑަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ