ދެކުނު ކޮރެއާގެ ސަފީރު ރައީސްއާ ބައްދަލުކުރައްވައިފި

ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޮންގްމޫން ޗޮއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމަދު ވަހީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭ މައުލޫމާތު ސަފީރާ ހިއްސާ ކުރައްވި ކަމަށެވެ. އެ ގޮތުން ސަރުކާރުން މަސައްކަތް ކުރަނީ ހުރިހާ ޕާޓީތަކަކާއެކު މަޝްވަރާ ކުރައްވައިގެން މައްސަލަ ހައްލު ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އަދި އަވަސް އިންތިހާބަކަށްވެސް ތައްޔާރަށް ހުންނެވި ކަމަށާއި އެހެންނަމަވެސް މިކަން ކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާޙު ކޮށްގެން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް މިކަމުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބުތައް ދަމަހައްޓަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ސަފީރަށް ދެއްވާފަ އެވެ.
ދެކުނު ކޮރެއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ރައީސް ކަމުގެ މަގާމާ ޑރ. ވަހީދު ހަވާލުވެވަޑައިގެންފައިވާތީ އެކަމަށްޓަކައި ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވި އެވެ.
ދެގައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދުގައިވާ ގުޅުން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމަށާއި ފަތުރުވެރިކަމާއި ތިމާވެށި އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި ދެގައުމުގެ ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ސަފީރާ ރައީސް ނަޝްވަރާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ