ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ބަލާ ބެންޗުގައި އަބްދުﷲ ދީދީ އާއި ޝުޖާއު ނުހިމެނޭ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފީ މައްސަލަ ބަލާ ބެންޗުގައި، ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ (ޑީޑީ) އާއި ޝުޖާއު އުސްމާނު ނުހިމެނޭކަން "ހަވީރަ"ށް އެނގިއްޖެ އެވެ.ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ދީދީ އާއި ޝުޖާއު އަކީ ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ބޭފުޅުންނެވެ.ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގައި ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް ނާޒިމް ފަރާތުން ހައި ކޯޓުގައި އިސްތިއުނާކޮށްފައިވާއިރު އަބްދުﷲ ދީދީ އާއި ޝުޖާއު ހައި ކޯޓަށް އައްޔަން ކުރުމުގެ ކުރިން ހައި ކޯޓުން ވަނީ ނާޒިމްގެ މައްސަލަ އެބަލާ ބެންޗު އެކުލަވާލައިފަ އެވެ.ހައި ކޯޓަށް އަލަށް ކަނޑައެޅި ދެ ފަނޑިޔާރުން މަގާމުގެ ހުވާކުރައްވަނީ "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އައްބާސް ޝަރީފެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ ފަނޑިޔާރު ޣަނީ އެވެ.ހައި ކޯޓަށް އަލަށް ދެ ފަނޑިޔާރުން ހޮވުމުގެ ކުރިން ނާޒިމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ވެސް ބާއްވައި، ޝަރީއަތުގެ އަޑުއެހުންތައް ފަށާނެ ތާރީޚު ވެސް ހައި ކޯޓުން ކުރިން ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ނިންމާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުންތައް ފަށާ ގޮތަށެވެ.ނާޒިމްގެ މައްސަލަ ހައި ކޯޓުން ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވިޔަސް ވަރަށް މަދު މައްސަލައެއްގައި ނޫނީ ހައި ކޯޓުން މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ