އާ އިންތިހާބެއް ބާއްވަން ސުޕްރީމް ކޯޓުން ކުރާ ހުކުމަކަށް ތަބާވާނަން: ޖުމްހޫރީ ގުޅުން

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި "އާ އިންތިހާބެއް ބާއްވަން އެ ކޯޓުން ކުރާ ކޮންމެ ހުކުމަކަށް ތަބާވާނެ" ކަމަށް ޖުމްހޫރީ ޕާޓީން ރޭ ބުނެފި އެވެ.ޖުމްހޫރީ ގުޅުމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވީހާ ވެސް އަވަހަކަށް ނިންމައި ރައްޔިތުންގެ އިތުބާރާ އެކު ބޭއްވޭ ރިޔާސީ އިންތިހާބެއް ވީހާ ވެސް އަވަހަކަށް އިންތިޒާމްވެ ކުރިއަށް ދާން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ފަރާތްތަކުން އެދޭ ކަމަށެވެ.ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ އޮޅުވާލުންތަކުން ރައްޔިތުންނަށް ކަށަވަރުވެފައިވަނީ، ޒަމާނުއްސުރެ ރާއްޖޭގައި ނަގާ ކޮންމެ ވޯޓެއްގައި ވޯޓު އޮޅުވާލި ކަމަށް ކުރާ ތުހުމަތުތަކަކީ އަޅާނުލައި ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް މައްސަލަތަކެއް ކަމަށެވެ. ޒަމާނީ ޑިމޮކްރަސީ ރާއްޖެ އަށް ގެނެސް ރައްޔިތުންގެ ބާރުވެރިކަން ހުރި ވެރިކަމެއް އުފެއްދުމަށްޓަކައި ވޯޓުގައި ހަދާ މަކަރުތަކާ އޮޅުވާލުންތައް ހުއްޓުވުމަކީ މިހާރުން މިހާރަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ގުޅުމުން ބުންޏެވެ."ރިޔާސީ އިންތިހާބުގައި ހަދާފައިވާ ބޮޑެތި މަކަރުތަކާއި އޮޅުވާލުންތައް އަލުން ތަކުރާރު ނުވާނޭހެން ކަންކަން އިސްލާހުކޮށް އާ އިންތިހާބެއް ބޭއްވުމާ މެދު ސުޕްރީމް ކޯޓުން ކުރައްވަވާ ކޮންމެ ހުކުމަކަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން ކިޔަމަންތެރިކަމާ އެކު ބޯލަނބާނަމެވެ،" އެ ބަޔާނުގައިވެ އެވެ.އެ ޕާޓީން ބުނީ ސުޕްރީމް ކޯޓުން ނިންމާ އުސޫލްތަކެއްގެ މަތިން އިންތިހާބުގެ ކަންކަން ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ. އެ ހާލަތުގައި ރައްޔިތުންނަށް އޮތީ ގާނޫނަށް ބޯލެނބުމާއި ކޯޓުގެ ނިންމުމަށް އަމަލުކުރުމާ ގައުމުގެ މަސްލަހަތާ ހަމަޖެހުމަށް އިސްކަންދިނުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.އެ ބަޔާނުގައި އެމްޑީޕީ އަށް ފާޑުކިޔައި ބުނެފައިވަނީ އިތުބާރު ހުރި އަމާނާތްތެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް އެ ގުޅުމުން ކުރާ މަސައްކަތުގެ ހަގީގަތް އެ ޕާޓީން އޮޅުވާލަމުންދާ ކަމަށެވެ. އެ ގުޅުމުން ބޭނުންވަނީ އިންތިހާބެއް ނުބާއްވައި އަސްކަރީ ވެރިކަމެއް ހިންގުމަށް ކަމަށް އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އަލުން އިންތިހާބެއް ބާއްވައިފި ނަމަ އެމްޑީޕީ އަށް ކުރިން ލިބުނު މިންވަރަށް ވޯޓު ނުލިބި އިންތިހާބުގައި ހެދި މަކަރު ބޭޒާރުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.ރަށްރަށުން މީހުން މާލެ އައުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ގޮވާލާފައިވީ ނަމަވެސް އެކަމަށް އެއްވެސް ރައްޔިތަކު ތާއީދުނުކުރުމަށް ވެސް ޖުމްހޫރީ ގުޅުމުން ގޮވާލާފައިވެ އެވެ. އެމްޑީޕީން ބޭނުންވަނީ ފަސާދަ އާއި އަނިޔާވެރިކަން ކަމަށާއި އެކަން އާއްމުވެއްޖެ ނަމަ އެކަމުގެ ގެއްލުން އާއިލާތަކަށް ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.ޖުމްހޫރީ ގުޅުމުން އިންތިހާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބާ ބެހޭ ގާނޫނުތަކާ ހިލާފަށް އެތައް ކަމެއް ހިންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ވަރަށް ބޮޑަށް އޮޅުވާލައި، ވަގަށް ވޯޓު ކަރުދާސް ޗާޕްކުރުން ފަދަ އެތައް ޖަރީމާއެއް ހިންގާފައިވާ ކަމުގެ ސާބިތު ހެއްކާއެކުގަ އެވެ. އެ މައްސަލަ ނުނިންމައިގެން މިދިޔަ ހޮނިހިރު ދުވަހު ބާއްވަން ކަނޑައަޅާފައި އޮތް އިންތިހާބުގެ ދެ ވަނަ ބުރު ވަނީ ކެންސަލްކޮށްފަ އެވެ. އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފައިވީ ނަމަވެސް ގާނޫނު އަސާސީގައި ބުނާ ތާރީހަށް އިންތިހާބު ނުބޭއްވިދާނެތީ، ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން އުޅުމުން، އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް ކޯޓުން ވަނީ ދެ ވަނަ އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ