ކަރަންޓް ވިއުގަ ތަރައްގީކުރަން އީޔޫ އިންވެސްޓްމަންޓް ބޭންކުން 771 މިލިއަން ރުފިޔާގެ ލޯނެއް ދީފި

ރަށްރަށުގެ ކަރަންޓް ވިއުގަ ތަރައްގީ ކުރުމަށާއި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 45 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 771 މިލިއަން ރުފިޔާ)ގެ ލޯނެއް މިއަދު ދީފި އެވެ.ސްޓެލްކޯގައި ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އީޔޫ އިންވެސްޓްމަންޓް ބޭންކުން ސޮއިކުރެއްވީ އެ ބޭންކުގެ ލޯނު އޮފިސަރު ޓާއޯ ރެން އެވެ. މީގެ އިތުރުން ސްޓެލްކޯ އާއި ފެނަކައިގެ ފަރާތުން ވެސް އެ އެއްބަސްވުމުގައި ސޮއިކުރި އެވެ.މިއީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 18 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 3.3 ޕަސެންޓް އިންޓަރެސްޓްގައި ދޫކުރި ލޯނެކެވެ.މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ 2019 ގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަރަކަތައިގެ ޕީކް ލޯޑު ގަޑީގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ ކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް 129 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިޔޫ އިންވެސްޓްމަންޓް ބޭންކުގެ އިތުރުން ކްލައިމެޓް އިންވެސްޓްމަންޓް ފަންޑުން 30 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އައިޑީބީން 10 މިލިއަން ޑޮލަރު، ޖަޕާނުން 5.5 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."މުޅި ރާއްޖޭގައި ގާތްގަނޑަކަށް އުފައްދާ 70 ވަރަކަށް މެގަވޮޓްގެ ކަރަންޓުގެ 30 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން އަމާޒަކީ،" މަތީން ވިދާޅުވި އެވެ.އޭނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން ރަށްރަށުގައި މިހާރު ކަރަންޓް ދިނުމަށް ބޭނުންކުރާ ވިއުގައިގެ ފެންވަރުމަތިކުރުމުގެ އިތުރުން މާލެ އިން ހުޅުމާލެ އަށް އަޅާ ބްރިޖްގެ ތެރެއިން ކަރަންޓް ކޭބަލެއް އެޅުން ވެސް ހިމެނޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރުން ކޮންސަލްޓެންޓަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ