އަފްރާޝީމް މަރުގެ މައްސަލައިގައި ހައްޔަރުކުރި ކުއްޖަކު ޔާމީނާއި ބައްދަލުކުރި ކަމަށް ނުބުނަން - އުމަރު

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖަކާއި ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައްދަލުކުރެއްވި ކަމަށް ވިދާޅުނުވާ ކަމަށް ބުނެ އުމަރު އިތުރުފުޅެއް ހައްދަވައިފި އެވެ.
އުމަރު ނަސީރު އެގޮތަށް ވިދާޅުނުވާ ކަމަށް ވިދާޅުވީ ރޭ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ފޮރިން މިނިސްޓްރީ ކައިރީގައި ހުންނަވާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ.އަފްރާޝީމް އަލީގެ މަރުގެ ތަހުގީގާއި ގުޅޭ ގޮތުން ނުވަތަ އެ ކުޑަ ކުއްޖާ ޔާމީނާއި ބައްދަލުކުރެއްވި ކަމަށް ދެއްކި ވާހަކަދެއްކީ ކިހާވަރެއްގެ ހެކި ހުރެގެންތޯ ނޫސްވެރިޔަކު އުމަރު ނަސީރާއި ސުވާލުކުރެއްވުމުން ރޭ ވެސް ފުރަތަމަ ވިދާޅުވީ "އެއީ އެތާ އަޅުގަނޑު ދުއް މަންޒަރެއް ވީމަ ހަމަ ދަންނަވާލީ" ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލް ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ޔާމީނާއި އޭނަ އާއި ބައްދަލުކުރައްވަނިކޮށް ނުފެންނަ ކަމަށާއި އޭނަ ވިދާޅުވީ ބައްދަލުކުރަން ގޮސް އިންދާ ފެނުނު ކަމަށެވެ.
"އެއީ އަޅުގަނޑު ދުއް މަންޒަރެއް ވީމަ ހަމަ ދަންނަވާލީ، އަޅުގަނޑު ނުދެކެން ބައްދަލުކުރަނިކޮށެއް، އަޅުގަނޑު ދެންނެވީ ބައްދަލުކުރަން ގޮސް އިންދާ އަޅުގަނޑު ދުށީމޭ، މިކަން ރަނގަޅު ކުރައްވައްޗޭ އެނގޭތޯ." އުމަރު ނަސީރު ވިދާޅުވި އެވެ.
އަދި އެއީ ކުޑަ ކުއްޖެއްތޯ ސުވާލުކުރުމުން އުމަރު ވިދާޅުވީ އޭނަ ވިދާޅުވެފައިވަނީ އެމައްސަލައިގެ ތަހުގީގަށް ބަންދުގައި ބަހައްޓާފައި އެތައް ދުވަހެއް ވަންދެން ހުރި މީހެއްގެ ވާހަކަ ކަމަށާއި އެއީ ކުޑަ ކުއްޖެއް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށެވެ.
"ކުޑަ ކުއްޖެއް ނޫން އެއީކީ، ފަހަރެއްގައި ބައެއް މީޑިއާތަކުގެ އޮޅިފައި ހުރީ އެވާހަކަ ދައްކާފައި، އަޅުގަނޑު ދެންނެވީ އެމައްސަލައިގައި ހައްޔަރުކޮށްފައި އެތައް ދުވަހު ބަހައްޓާފައި ދޫކޮށްލި މީހެކޭ އެނގޭތޯ، ކުޑަ ކުއްޖެއްގެ ވާހަކައެއް ނޫން އަޅުގަނޑު ދެންނެވީ." އުމަރު ވިދާޅުވި އެވެ.
އެރޭގެ ޖަލްސާގެ ރިކޯޑިންގ އެމްވީޔޫތުގައި އެބައޮތް ކަމަށާއި އެ ރިކޯޑިންގ ގައި އަޑު އިވެނީ ކުޑަ ކުއްޖެކޭ ބުނާ އަޑުކަމަށް އެމްވީޔޫތުގެ ފަރާތުން އުމަރާއި ސުވާލުކުރުމުން އުމަރަށްވުރެ ކުރިން އެ ސުވާލަށް ޖަވާބުދެއްވީ އުމަރުގެ ކެމްޕެއިން މެނޭޖަރު މާޒް ސަލީމެވެ. މާޒް ސަލީމް ވިދާޅުވީ އުމަރު ވިދާޅުވެފައިވަނީ "ކުއްޖެކޭ" ކަމަށެވެ.
އޭގެ ފަހުން އުމަރު ވިދާޅުވީ އެރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ ކުއްޖެކޭ ކަމަށާއި އެއީ ކުޑަ ކުއްޖެއްގެ ވާހަކައެއް ނޫން ކަމަށެވެ.
ނަމަވެސް މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވެފައިވަނީ ޑޜ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ކުއްޖަކު ފުލުހުން ދޫކޮށްލުމުން ޕީޕީއެމް އޮފީހުގައި އިށީންނަވާ ޔާމީނާއި ބައްދަލުކުރަން އިންދާ ފެނިފައިވާ ކަމަށެވެ.
"ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ބައިވެރިވި އެކަކު އަދި އެ އެކުއްޖަކު ހައްޔަރުކުރެވި ފުލުހުންގެ ތެރޭގައި އެތައް ދުވަހަކު އެކުއްޖަކު ބައިންދާ އެކުއްޖާގެ މައްޗަށް ބައެއްކަން ކަން ސާފުނުވެގެން ދޫކޮށްލާފައި ހުރި ކުއްޖަކު މިދޭތެރެއިން އަޅުގަނޑުމެންގެ ޕާޓީގެ އޮފީހުގައި އިށީންނަވާ އަޅުގަނޑުމެންގެ ޕާޓީގެ އަޅުގަނޑުގެ އަޙު އަބްދުﷲ ޔާމީނާއި ބައްދަލުކުރަން ޕާޓީގެ އޮފީހުގައި އިންދާ އަޅުގަނޑު ދުށިން." އުމަރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ