މެމްބަރު ޑީޑީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުން ހުރަސް އަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމް މުހައްމަދުދީދީ (ޖެނެރަލް ޑީޑީ) ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވުމުން މަޖިލީހުގައި ތިއްބަވާ ސިފައިންގެ ސެކިއުރިޓީން ހުރަސް އެޅުމަށްފަހު މަޖިލީހަށް ވަދެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވައިފި އެވެ.
މަޖިލީހުގެ އިދާރާގެ ދޮރުމަތީ ހުންނަވައި ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޑީޑީ ވިދާޅުވީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ މަޖިލީހުގެ ކޮމެޓީތަކެއްގައި ހިމެނި ވަޑައިގަންނަވާ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ އިދާރާއިން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތަކެއް އޮޅުން ފިލުވުމަށް ކަމަށެވެ. 
ޑީޑީއަކީ މަޖިލީހުގެ ދާއިމީ ތިން ކޮމެޓީއެއްގައި ހިމެނި ވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ.
މަޖިލީހުގެ ގޭޓާ ހަމައިން ޑީޑީ ހުއްޓުވީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނެވެ. މަޖިލީހުގެ އިދާރާއަށް މެމްބަރުން ވެންނެވުމުގެ ހުއްދަ ދޭ ފަރާތަކީ ސިފައިން ކަމަށް ފެންނަ މަންޒަރުތަކުން ހާމަވެ އެވެ. އެއީ ޑީޑީ އެތަނުގައި ހުންނަވަނިކޮށް، މަޖިލީހުގެ އިދާރާއަށް މަޖިލީހުގެ މުވައްޒަފުން ނޫން އެހެން ދެ ބޭފުޅަކު ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ވެސް ސިފައިން ވަނީ ހުއްޓުވާފަ އެވެ. ފަހުން އެނގުނު ގޮތުގައި އެ ދެ ބޭފުޅުންނަކީ މަޖިލީހުގެ އިދާރާއިން ބުނެގެން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން މަޖިލީހުގެ އިދާރާއަށް ވެއްދުމަށްޓަކައި މަޖިލީހުގެ އިދާރާގެ ސީނިއަރ މުވައްޒަފެއް މަސައްކަތް ކުރި ނަމަވެސް، ޑީޑީ މަޖިލީހުގެ ގޭޓް ކުރިމަތީ ހުންނެވުމުން ސިފައިން ވަނީ ގޭޓް ހުޅުވުމަށް ދެކޮޅު ހައްދާފަ އެވެ. އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށްވެސް މަޖިލީހުގެ އިދާރާއަށް އެވަގުތު ވަދެވޭގޮތް ވަނީ ނުވެފަ އެވެ.
މަޖިލީހުގެ ސެކިއުރިޓީ ސިފައިން ކޮންމެވެސް ފަރާތަކަށް ތަކުރާރުކޮށް ގުޅުމަށް ފަހު، މަޖިލީހުގެ އިދާރާގެ ގޭޓް ހުޅުވުމަށް ފަހު ޑީޑީ އަށާއި މަޖިލީހުގެ އިދާރާގެ މުއައްޒަފުންނަށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަދެވަޑައިގެންނެވުމުގެ ފުރުސަތު ފަހުން ވަނީ ދެއްވާފަ އެވެ.
ޑީޑީ ވިދާޅުވީ އޭނާއަކީ މަޖިލިސް މެމްބަރެއް ކަމަށާއި މިއަދަކީ ރަސްމީ ދުވަހެއް ކަމަށާއި އަދި ވަޑައިގެންނެވީ ވެސް ރަސްމީ ވަގުތެއްގައި ރަސްމީ މަސައްކަތެއްގައި ކަމަށެވެ. އެހެންކަމުން މަޖިލީހަށް ނުވަދެވެންވީ ސަބަބެއް ނެތްކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ގަދަކަމުން ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމާއެކު މަސީހު ހުންނެވީ ސިފައިން ބޭނުން ކުރައްވައިގެން މަޖިލިސް ހިސޯރު ކުރައްވައިގެންނެވެ. 
މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ސިފައިން ވައްދާ ޖަލްސާ ކުރިއަށް ގެންގޮސްފައި ވެއެވެ. ރިޔާސަތު މޭޒާއި އިދާރީ ސެކެރެޓޭރިއޭޓް މޭޒު ހިމެނޭ ސަރަހައްދު ވަކިކޮށް އުސްކޮށް "ކޮށި ގަނޑެއް" ސިފައިން ލައްވާ ހަދާފައި ވެއެވެ. 
މަޖިލީހުގެ ޖަލްސާއެއް ބާއްވާ ދުވަހެއް ވިއްޔާ ގިނަ އަދަދަކަށް ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވާއިރު މަޖިލީހުގެ ބޭރުގައާއި އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެވެ. 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ