އިއްތިހާދު އެއަރވޭޒް ބޯޓެއްގެ ފާޚާނާ ތެރެއިން މަރުވެފައިއޮތް ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެ

އިންޑޮނޭޝިޔާއަށް ދިޔަ އިއްތިހާދު އެއަރވޭޒް މަތިންދާ ބޯޓެއްގެ ފާޚާނާއެއްގެ ތެރެއިން މަރުވެފައިއޮތް ތުއްތު ކުއްޖެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
މަރުވެފައިއޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނީ، މަތިންދާ ބޯޓު ޖަކާޓާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސުމަށްފަހު ބޯޓު ސާފުކުރަން އުޅުނު މީހުންނަށެވެ.
ދުވަސްފުރާ ވިހާފައިވާ އެ ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު އޮތީ ޕްލާސްޓިކް ކޮތަޅަކަށް ލައި އޮޅައި، ފާޚާނާ ތެރޭގައިހުރި ވަތްގަނޑެއްގެ ތެރެއަށް ލާފައި ކަމަށް މީޑިއާއިން ބުނެއެވެ.
އިންޑޮނޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ އެކުއްޖާ މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާދިސާއާ ގުޅިގެން އިންޑޮނޭޝިޔާ ފުލުހުން މިހާރުވަނީ، މަރުވެފައި އޮތް ކުއްޖާގެ މަންމަކަމަށް ތުހުމަތު ކުރެވޭ، އުމުރުން 37 އަހަރުގެ ހާނީ ނަމަކަށްކިޔާ އަންހެނަކު ހައްޔަރު ކޮށްފައެވެ.
ހާނީއަކީ އަބޫދާބީގައި ވަޒީފާ އަދާކުރަން އުޅުނު އިންޑޮނޭޝިޔާ އަންހެނެކެވެ. އޭނާ އަބޫދާބީގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު އިއްތިހާދު އެއަރވޭޒްގައި އިންޑޮނޭޝިޔާއަށް އައުމަށް ދަތުރުފެށީ އިއްޔެއެވެ.
ނަމަވެސް، މަތިންދާ ބޯޓް އުދުހެންފެށިތާ ހަތަރު ގަޑިއިރުވީފަހުން ހާނީގެ ބަނޑުން ލޭފައިބާން ފެށުމުން، އިއްތިހާދު އެއަރވޭޒް މަތިންދާ ބޯޓުގެ ޕައިލެޓަށް މަޖުބޫރުވެގެން ބޯޓް ވަނީ ބެންކޮކްގެ ސުވަރްނަބޫމީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައެވެ.
"އެ އަންހެމީހާ ދަތުރުކުރީ އިކޮނޮމީ ކްލާހުގައި. ލޭފައިބާން ފެށުމުން އޭނާ ބިޒްނަސް ކްލާހުގެ ގޮނޑިއެއްގެ މަތީގައި ބާއްވައި، އޮކްސިޖަން ގުޅި. އޭގެފަހުން ކެޕްޓަން އިޢްލާންކުރީ ބޯޓު ބެންކޮކްގައި ޖައްސަނީ ކަމަށް" އިއްތިހާދުގެ ކްރޫއެއް ބުނެފައި ވެއެވެ.
އިއްތިހާދު އެއަރވޭޒްގެ ބޯޓު ބެންކޮކްގައި ޖެއްސުމާއެކު މެޑިކަލް ޓީމެއްވަނީ ބޯޓަށް އަރައި، ހާނީ ބޯޓުން ބާލައި އޭނާއަށް ފަރުވާދޭން ފަށާފައެވެ.
އިއްތިހާދުގެ ބޯޓު، އަންހެންމީހާ ނުލައި ޖަކާޓާއަށް ދިއުމަށްޓަކައި ފުރާފައިވަނީ އޭގެ އެއްގަޑިއިރު ފަހުންނެވެ. އަންހެންމީހާގެ ހާލަތު ކުޑަކޮށް ރަނގަޅުވުމުން އޭނާ އެނބުރި ޖަކާޓާއަށް ދިޔައީ އެހެން ފްލައިޓެއްގައެވެ.
އިންޑޮނޭޝިޔާގެ ސޮއެކާރނޯ-ހައްޓާ އެއަރޕޯޓަށް އަންހެންމީހާ ފޭބުމާއެކު އިންޑޮނޭޝިޔާ ފުލުހުންވަނީ އޭނާ ހައްޔަރު ކޮށްފައެވެ. ނަމަވެސް، އޭނާ މުޅީން ފިޓްކަމަށް ނުފެންނާތީ އަދި ސުވާލު ނުކުރާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އެ އަންހެންމީހާއަށް މިހާރުދަނީ އެއަރޕޯޓްގެ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ތުހުމަތު ކުރަނީ، މަތިންދާ ބޯޓުގެ ފާޚާނާ ތެރެއިން ފެނުނު މަރުވެފައިވާ ކުއްޖާއަކީ މި އަންހެންމީހާ ސިއްރިއްޔާތުގައި ވިހާފައިވާ ކުއްޖެއް ކަމަށެވެ. އޭނާއަށް ލޭފޭބުމުގެ މައްސަލަ ކުރިމަތިވީ ސިއްރިއްޔާތުގައި ދަރިފުޅު ވިހާފައިގޮސް އިންދާ ކަމަށްވެސް ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ