ބައިނަލްއަގުވާމީ ބާޒާރަށް ވިއްކާފައިވާ ރާއްޖޭގެ ސުކޫކުގެ އަގު ފާއިތުވި މަސްތަކުގައި އިތުރުވެފައި ވަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވެ، ސަރުކާރުގެ މާލީ ހިންގުމުގެ ކާމިޔާބީގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު އަދަދަކީ 2018 އަދި 2019ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސްކޫކެވެ.
ވީ ކިހިިނެއް؟ - ސުކޫކުގެ އަގު މިދިޔަ ހޯމަ ދުވަހު ވަނީ 87.44 ޑޮލަރަށް އަރައިފަ އެވެ. މިދިޔަ އޭޕްރީލްގެ ކުރީކޮޅު އެ އަދަދު ހުރީ 64.72 މިލިއަން ޑޮލަރުގަ އެވެ.
ބުނީ ކީކޭ؟ - އެ ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެކަމުން ދައްކައިދެނީ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގުވާމީ ބާޒާރުގެ އިތުބާރު ލިބިފައިވާ މިންވަރު ކަމަށެވެ. އެގޮތުން:
ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިގްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމަށް ބުނި
މި ފަހުން ސަރުކާރުން އަމިއްލަ ފަރާތަކަށް ދަރަނީގެ ގޮތުގައި ބޮޑު ރިޕޭމަންޓެއް ދެއްކި؛ އޭގެ ފަހުން މިދިޔަ އޭޕްރީލްގައި ސުކޫކް ކޫޕަން ޕޭމަންޓް ވެސް ވަގުތަށް ދެއްކުމަކީ އޭގެ ސަބަބެއް ކަމަށް ފާހަގަކުރި
"ސުކޫކްގެ އަގު ބޮޑުވުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ދުނިޔޭގެ މާލީ މުޖުތަމައުއާ ގުޅިގެން ކުރާ މަސައްކަތުގެ ހެޔޮ އަސަރު ކަށަވަރުކޮށްދޭ ބައިނަލްއަގްވާމީ ބާޒާރުން ލިބުނު އިތުބާރުގެ ސާފު ވޯޓެއް. އަޅުގަނޑުމެން މި އަންނަނީ ވިސްނުންތެރިކަމާ އެކު މާލީ ކަންކަން ބެލެހެއްޓުމާއި ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރަށް މިނިސްޓްރީން ބުނީ ހަރުދަނާ އަދި އެއްބާރުލުންދޭ ބައިނަލްއަގުވާމީ ފަރާތްތަކާ އެކު ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"ސްކޫކަށް ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި މުހިންމު ބައިލެޓަރަލް ޕާޓްނަރުންނާ އެކު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވޭ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސްކޫކަށް 500 މިލިއަން ޑޮލަރު އަންނަ އަހަރުގެ 8 އެޕްރީލްގައިގައި ދައްކަން ޖެހެ އެވެ.
ސުކޫކުގެ އަގު މަތިވެއްޖެ: 'ދައްކައިދެނީ މާލީ ސިޔާސަތަށް އޮތް އިތުބާރު'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ