ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ފާހަގަ ކުރައްވައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެެވެ.
ރައީސް މައުމޫން ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަލިވެއްޖެނަމަ ޝިފާ ހޯދަން މަސައްކަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ.
"އޮތޮރައިޒް މެޑިކަލް ފޯ އަދީބު" ހޭޝްޓެގާއެކު ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Bali vejje nama shifā hōdhan masakkaiy kurumuge haqqu komme mīhakah ves libigen vē. Dhaulathuge belumuge dhashugaivā mīhunnah bēs faruvā koh dhinumakī dhaulathuge zimmā eh. Eī insāniyyathah takā koh dhēn jehē kameh. #AuthorizeMedical4Adeeb
މިއީ އަދީބުއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސް މައުމޫން ގޮވާލެއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ރައީސް މުހައްމަދު ނަޝީދުއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އަދީބުއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވާއިރު ލޮލަށް ގްލޮކޮމާ ޖެހިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ބުނެއެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާ ވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފައެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ވަކީލުން ވިދާޅުވަމުން އަންނަ ގޮތުގައި، މީހަކު ކޮށްފާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެއްގެ މައްޗަށް ބިނާކޮށް، އެފަދަ ނިންމުމެއް ނިންމުމުގެ ގާނޫނީ ހައިސިއްޔަތެއް ސަރުކާރަށް ލިބިގެންނުވެއެވެ. އަދީބުގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގަނެފައިވަނީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ކަމަށް ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ބޭސްފަރުވާ ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ