ސިއްޚީ ދާއިރާގެ ކަންކަން ބަލާ މުރާޖަޢާކުރުމަށް ބައްދަލުވުމެއް ފަށައިފި


 
ސިއްޙީ ދާއިރާއަށް ހުށަހަޅާ ހުށަހެޅުންތަކަކީ، ސައިންޓިފިކް ގޮތެއްގައި، ސިއްހީ ދާއިރާގެ އުސޫލުތަކާއި އެއްގޮތަށް ހުރި ހުށަހެޅުންތަކެއްތޯ ބެލުމަށްޓަކައި ކުރާ މުރާޖާއާއި ބެހޭ މަސައްކަތު ބައްދަލު ވުމެއް ފަށައިފިއެވެ.
 
 
މި ބައްދަލުވުމަކީ ހެލްތް މިނިސްޓްރިގައި މިހާރުވެސް އަމަލު ކުރަމުންދާ ހެލްތު ރިސާރޗް ކޮމެޓީގެ މެންބަރުންގެ ޤާބިލްކަން އިތުރުކުރުމަށް ކުރިޔަށް ގެންދާ މަސައްކަތު ބައްދަލު ވުމެއްކަމުގައި ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަސައްކަތު ބައްދަލުވުމުގެ އެހީގައި ސިއްހީ ދިރާސާގެ ދާއިރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓުރީގެ ޕަރމަނެންޓް ސެކްރެޓަރީ ޑރ ގީލާ އަލީ ވިދާޅުވިއެވެ. މަސައްކަތު ބައްދަލުވުމުގައި ކިޔަވާދެއްވާނީ ބަންގްލަދޭޝްގައި މިހާރުވެސް ދިރާސާގެ ދާއިރާއިން މަސައްކަތް ކުރައްވާ ބޭފުޅެއްކަމުގައިވާ ހާރޫން ރާޝިދުއެވެ. މި މަސައްކަތު ބައްދަލުވުމަކީ ޑަބްލިއު އެޗްއޯގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މަސައްކަތު ބައްދަލު ވުމެއްކަމުގައި ހެލްތް މިނިސްޓްރީން ބުނެއެވެ.
 
މި މަސައްކަތް ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ސިއްހީ ދާއިރާއާއި ގުޅުން ހުރި ފަރަތްތަކުންކަމަށް ހެލްތް މިނިސްޓްރިން މައުލޫމާތުދެއެވެ. މި މަސައްކަތް ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ފަސްދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ